Close
ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ، ކުރިއަށް އޮތް ތިން ދުވަހު ވަޔާއި ކަނޑު ގަދަވާނެ: މެޓް

މުހައްމަދު ޖަމްޝަތް ވަހީދު

ހަފްތާ ބަންދު ހިމެނޭހެން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި މިރެއިން ފެށިގެން ހަފުތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި އާއްމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ އިރު، ރޭ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.