ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކުރާ ދައުވާއާ ގުޅިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތުގެ ހެކިބަސް ނަގައިފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ، ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ކުރިމިނަލް ކޯޓްގައި ބާއްވައިފައެވެ.

މިއަދު އޮތް ހެކިބަސް ދިނުމުގެ އަޑުއެހުމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހު ޒާހިރުގެ ހެކިބަސް ނަގައިފައެވެ. ހެކިބަސް ދެއްވަމުން އޭނާ ވަނީ އާންމު އުސޫލުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށެއް ދޭއިރުގައި ކުރެވިގެންދާ މަސައްކަތްތަކާއި އެކަމާ ގުޅިގެން އޭރު ފާހަގަވެފައިވާ ކަންކަން ކިޔާދެއްވައިފައެވެ.

ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތުގެ ހެކިބަސް ދީފައެވެ. އެގޮތުން ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގިނަ އިރެގިއުލާރިޓީތައް ފެނިފައިވާކަން ފާހަގަކުރެއްވިއެވެ.

ހެކިވެރިޔާ ވަނީ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރާ ގޮތްވެސް ކިޔައިދީފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ނަމަށް ރަށްތައް ބަދަލުކޮށް، ރައީސް އޮފީހަށް އެ ރަށްތަކުގެ ލިސްޓު ފޮނުވައި، ރައީސުލްޖުމްހޫރިއްޔާ ފާސްކުރެއްވުމުން އަލުން އަނބުރާ ޓޫރިޒަމް މިނިސްޓަރާ ހަމައިން އެމްއެމްޕީއާރްސީއަށް އެރަށްތައް ދޫކުރާ ކަމަށް ވިދާޅުވިއެވެ. އަދި ރަށްތައް ވިއްކައިގެން ލިބޭ ފައިދާ ލިބެނީ އެމްއެމްޕީއާރްސީއަށް ކަމަށާއި އޭގެ އެއްވެސް މައުލޫމާތެއް ޓޫރިޒަމް މިނިސްޓްރީއަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ރަށްތަކުގެ މައްސަލައިގައި ކޯޑިނޭޓް ކުރައްވަނީ ސީދާ ޓޫރިޒަމް މިނިސްޓަރު ކަމަށެވެ. އެއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އެމްއެމްޕީއާރުސީން ކޯޑިނޭޓް ކުރައްވަނީ އެއިރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވިދާޅުވިއެވެ.

ހެކިވެރިޔާ ވަނީ، ކުއްޔަށް ދޫކުރަން ލިސްޓުކޮށްފައިވާ ރަށްތަކުގެ އިތުރުންވެސް ލިސްޓުގައި ނުހިމެނޭ ބައެއް ރަށްތައް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިވެރިޔާއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ ވ. އާރަށާބެހޭ ގޮތުން ސުވާލުތައް ފެންމަތިކޮށްފައެވެ. ނަމަވެސް އެ ހުރިހާ ސުވާލަކަށްވެސް ހެކިވެރިޔާ ދެއްވީ އެއް ޖަވާބެކެވެ. އެއީ އާރަށް ކުއްޔަށް ދޫކުރި އިރު، އޭނާ ހުރީ ނޯޕޭ ލީވްއެއްގައި ރާއްޖެއިން ބޭރުގައި ކަމާއި އާރަށް މުއާމަލާތާ ގުޅޭ އެއްްވެސް ކަމެއް ނޭނގޭ ކަމަށެވެ.

އާރަށް މައްސަލައިގައި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ހެކީގެ ހެކިބަސް ވަނީ ނަގައިފައެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނެގީ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

އޭގެ ދެ ދުވަސް ފަހުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނާ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގާފައިވެއެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ޒިޔަތުގެ ލެޕްޓޮޕާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި ދެން އަޑުުއެހުމެއް އޮންނާނީ އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު ހެނދުނު 9:30 ގައެވެ. އެ މައްސަލައިގައި 12 ހެކިންގެ ހެކިބަސް ނަގާއިރު ދެންވެސް އޮންނާނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.