އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ދެވަނަ ޖާގަ ކްލަބު ވެލެންސިއާއިން ހޯދައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕް ދެވަނަ ސެމީ ފައިނަލް މެޗުގައި ވެލެންސިއާއިން ވަނީ 6-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލް އަންނަ އާދިއްތަ ދުވަހުގެރެއަށް ތާވަލު ކޮށްފައިވާ އިރު، 20:30 ގައި ފަށާ ފައިނަލުގައި ވެލެންސިއާ އިން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޔުނައިޓެޑް ވިކްޓަރީ ފައިނަލު ޖާގަ ޔަގީންކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކްލަބު އީގަލްސް 4-0 އިން ބަލިކޮށްފައެވެ.

ވެލެންސިއާއިން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި މުހައްމަދު އައިހަމް އިބްރާހިމް ޖެހި ގޯލުންނެވެ. އޭގެ 10 މިނެޓު ފަހުން ވެލެންސިއާ އިން ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ މުހައްމަދު ނާމީ ނަޒީފް ޖެހި މޮޅު ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ވެލެންސިއާ އިން ވަނީ ދެ ގޯލު ޖަހައިފައެވެ. މި ދެ ގޯލު ޖެހީ އަގްސާން އަހުމަދު ނަސީމް އެވެ. މެޗުގެ 60 ވަަނަ މިނިޓްގައި އައިހަމް ވެލެންސިއާގެ ފަސް ވަނަ ގޯލު ޖަހާފައިވަނިކޮށް، ޔޫސުފް އާއިޝް މުހައްމަދު ޓީސީގެ ހަމައެކަނި ގޯލު ޖެހިއެވެ.

ވެލެންސިއާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހަސަން އަމާން ޒާހިރެވެ.