ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގުބޮޑުކުރުމުން މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޑްރައިވަރުން މިއަދު މަޝްވަރާކޮށްފިއެވެ.
އަވަސް ރައިޑްގެ ޑްރައިވަރަކު މިއަދު "ވަން" އަށް ބުނީ، ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމުގެ މަޝްވަރާކޮށްފައި ވަނީ ޓެކްސީ ޑްރައިވަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ކަމަށެވެ. ނަމަވެސް އެއީ ރަސްމީ ސިފައެއްގައި ކުރި މަޝްވަރާއެއް ނޫން ކަމަށެވެ.
އޭނާ ބުނީ، މިއަހަރު ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފައިވާ ކަމަށާއި ކޮންމެ ފަހަރަކު ތެލުގެ އަގު ބޮޑުވާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ނޫން އެހެން ހުރިހާ ހިދުމަތެއްގެ އަގު ބޮޑުވާ ކަމަށެވެ.
"ތިބޭފުޅުން ބައްލަވާ، އިހަކަށް ދުވަހު ތިން ވަނަ ފަހަރަށް އެ ބޮޑުކޮށްލީ، ކަނޑުދަތުރުކުރާ ލޯންޗުތަކުގެ ވެސް އަގު ބޮޑުކޮށްފި. އެކަމަކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރީމާ ހުރިހާ މައްސަލައަކަށް މިވަނީ. ޓްރާންސްޕޯޓް މިނިސްޓްރީއަށް ފެންނަނީ ހަމައެކަނި ޓެކްސީ،" އޭނާ ބުންޏެވެ.
ވައިބާ ގްރޫޕުގައި މިއަދު ބައެއް ޑްރައިވަރުން ވަނީ އެ މީހުންނަށް ފެންނަ އަގުތައް ވެސް ހިއްސާކޮށްފައެވެ. އެއަގުތަކަކީ:
- މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40 ރުފިޔާ
- ހުޅުމާލެ ފޭސް 1 އިން 2 އަށް 40 ރުފިޔާ
- މާލެއިން ހުޅުމާލެއަށް 85 ރުފިޔާ
- މާލެއިން ހުޅުމާލެ ފޭސް 2 އަށް 95 ރުފިޔާ
- މާލެއިން ހުޅުލެއަށް 85 ރުފިޔާ
- ހުޅުމާލެއިން ހުޅުލެއަށް 85 ރުފިޔާ
މިހާރު ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތައް ރިވިއުކޮށްދޭން އެ މިނިސްޓްރީގައި މީގެ ކުރިން އެދިފައިވާނެ ކަމަށާއި ނަމަވެސް ޓްރާންސްޕޯޓުން އަގުތައް ރިވިއުކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ހުކުރު ދުވަހު އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 16.55 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 16.77 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މިއީ މިއަހަރު ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރި ހަތަރު ވަނަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު