ޚަބަރު

ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަންކުރަން ދަސްކޮށްދޭން ޖެހޭ: ފަޒްނާ

މުހައްމަދު އިޝާން

ކުދިންނާއި ބެލެނިވެރިންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯދައިދިނުމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ އެގޮތަށް އެދިވަޑައިގަތީ، ސްޓެލްކޯގެ ސެމިނާ ހޯލްގައި މިއަދު ބޭއްވި ބްރިޖް ލިޓްލް ލާނަސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ، ޕްރީސްކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު، ޗުއްޓީތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެހެން ހެއްދެވުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވޭ. އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުން މުހިއްމު،" ފަޒްނާ ވިދާޅުވިއެވެ.

އެގޮތުން ކުދިން އަމިއްލައަށް ފާހާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުންފަދަ، ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމު ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ޕްރީ ސްކޫލުތަކަށް މުޖުތަމަ އާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ދެމުންގެންދާ އެހީތެރިކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ފަޒްނާއަށް ވަނީ ހަދިޔާކުރައްވައިފައެވެ.

ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލަކީ 233 ކުދިންނާ އެކު 2012 ވަނަ އަހަރު ފެށި ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.

ބްރިޖް ލިޓްލް ލާނަސް ޕްރީސްކޫލް ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ މެޑަމް ފަޒްނާއެވެ.