ޚަބަރު

މޮނިކޮން ޓެގް އަޅުވާފައި އަމީން ބަންދުން ދޫކޮށްލަން އެދިއްޖެ

މުހައްމަދު އިޝާން

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މޮނިކޮން ޓެގް މެދުވެރިކޮށް ފަރާލަވޭ ގޮތް ހެދުމަށްފަހު ބަންދުން ދޫކޮށްދިނުމަށް އޭނާގެ ފަރާތުން މިއަދު ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ދައުލަތުން އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއާތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް އުފުލާފައިވަނިކޮށް ކުރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް ހައި ކޯޓުގައި ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އަމުރުކުރީ އަމީން ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ. ހައި ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތީ އަމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހެކި ބަސް ނެގުމުގެ ތިން ބައެވެ. ނަމަވެސް ދައުލަތުން މިއަދު ކޯޓަށް ހާޒިރުކުރި ހެކިވެރިއަކީ މީގެ ކުރިން ހެކިބަސް ދީފައިވާ ފަރާތަކަށްވުމުން ހެކި ބަސް ނެގޭ ގޮތް ވަނީ ނުވެފައެވެ.

އަމީންގެ މައްސަލަ ނުނިމި ދިގުލައިގެންދާތީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މިއަދު ޝަރީއަތުން ވަނީ ދައުލަތަށާއި ދިފާއަށް ރައްދުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ މެއި މަހުއެވެ. އެއަށްފަހު އޮގަސްޓު އަދި ސެޕްޓެމްބަރު މަހުއެވެ. އޮކްޓޫބަރު 11 ވަނަ ދުވަހު ދެ ފަރާތުން ހުލާސާ ބަޔާން އިއްވާނެއެވެ. ހުލާސާ ބަޔާން އިއްވައި ނިމުމުން 30 ދުވަހުގެ ތެރޭގައި ހުކުމްކުރަން ޖެހެއެވެ.

މިއަދުގެ އަޑުއެހުމުގައި އަމީންގެ ދިފާއީ ވަކީލު އިސްމާއިލް ވިޝާމު ވަނީ، އަމީން ޝަރީއަތް ނިމެންދެން ބަންދުކުރުން ކޮށްފައިވާ ހުކުމް މުރާޖާކުރަން ހުށަހަޅައިފައެވެ. ވިޝާމު ވިދާޅުވީ، އަމީންއަކީ އާތުރައިޓިސް ހުންނަ މީހެއް ކަމަށާއި ކަސްރަތުކުރަން ބޫޓެއް ހޯދަން ޑޮކްޓަރު ލިޔެފައި ދިނުމުން ވެސް މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) އިން އެކަމަށް ނުކޮށްދިން ކަމަށެވެ.

ދައުލަތުން ކުރާ ދައުވާއާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށާއި އަދި ހެކިވެރިއަކު ހެކިބަސް ވެސް ދީފައިނުވާ ކަމަށެވެ. އެހެންކަމުން އަމީންއަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ބަންދުގައި ނުބެހެއްޓޭނެ ކަމަށާއި އަމީންއާ ދެކޮޅަށް ފުލުހުންނާއި އެމެރިކާގެ އެފްބީއައިއިން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓުގައި ހުރީ ދައުވާއާ ނުގުޅޭ މުޅިން އެހެން ވާހަކަތަކެއް ކަމަށް ވިޝާމް ވިދާޅުވިއެވެ.

ވިޝާމް ވިދާޅުވީ އޭނާގެ މުވައްކިލު ވަރުބަލިވެއްޖެ ކަމަށާއި ދައުލަތުން އިތުތަރަށް ސަކާރާތް ޖަހަން ނޫޅެން އެދޭ ކަމަށެވެ. އަމީންއަކީ ތިން ދަރިންގެ ބައްޕައެއް ކަމަށާއި އެ ކުދިންގެ ހައްގުގައި ވެސް އަމީން މޮނިކޮން އަމުރެއްގެ ދަށުން ނަމަވެސް ދޫކޮށްލުމަށް އެދޭ ކަމަށެވެ.

ވިޝާމްގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުން ވިދާޅުވީ، އަމީން މައްސަލައިގައި ދައުލަތުން ސަކަރާތް ނުޖަހާ ކަމަށާއި އަމީންގެ މައްސަލަ ވެސް ކުރިއަށް ގެންދަނީ އެފަދަ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ކަމަށެވެ. އަމީންގެ ފަރާތުން ބަންދުން މުރާޖާކުރަން ހުށަނޭޅޭނެ ކަމަށާއި ދައުވާކުރާ ގާނޫނުގައިވާ ގޮތުން އެ ބާރު އޮތީ ދައުލަތަށް ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު މައްސަލަ ބައްލައްވާ ގާޒީ ވިދާޅުވީ، ޓެރަރިޒަމަކީ މުޅި ދުނިޔެ ވެސް ކަންބޮޑުވާ މައްސަލައަކަށް ވާތީ ބަންދުގެ މުރާޖައާ ކުރުން ޕީޖީއާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށާއި އެއަށްފަހު ކޯޓަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަމީންގެ މައްސަލަ ކުރިން ބެއްލެވި އިސް ގާޒީ ޝަކީލު މައްސަލައިން ތަނާޒުލްކޮށް މިހާރު އެ މައްސަލަ ވަނީ ގާޒީ ހަސަން ސައީދާ ހަވާލުކޮށްފައެވެ.

އަމީންއަކީ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ހުއްޓައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހްއާ ދެމެދުގައި ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް މީގެ ކުރިން ހެކިވެރިއަކު ވަނީ ބުނެފައެވެ. އަމީން ލެޕްޓޮފް ތަހުލީލުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހުގައި ބުނެފައިވަނީ، ދައުވާކުރާ ކުށްތަކާ ގުޅުން ހުރި ހެކިތައް އަމީންގެ ލެޕްޓެޕުން ފެނިފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތެއްގައި ދައުލަތުން ވަނީ އަމީންގެ ލެޕްޓޮޕުން ފެނުނު އިސްލާމިކް ސްޓޭޓުގެ ވީޑިއޯތަކެއް ވެސް ކޯޓުގައި އަޅުވައިފައެވެ. އެ ވީޑިއޯއިން ފެންނަނީ އެ ޖަމިއްޔާގެ ޕްރޮޕެގެންޑާ ވީޑިއޯތަކާއި ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކުން އިސްލާމީ ގައުމުތަކަށް ބޮން އަޅާ މަންޒަރާއި އިސްލާމްދީނާ ގުޅޭގޮތުން ބަދު ބަސް ބުނާ މަންޒަރެވެ.

ދެހާސްހަތް ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް އަމީނަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރަން އުޅުމުން ވަނީ ފިލައިގެން ސްރީ ލަންކާ އަށް ގޮސްފައެވެ. އެއާއެކު އޭނާ ހޯދަން އިންޓަޕޯލް ރެޑްނޯޓިސް ނެރުނެވެ. ސްރީލަންކާ އިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުންދާ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި މުދަލާއި ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.