ޚަބަރު

ދީން ހަތިޔާރަކަށް ނަގައިގެން މަޖިލީހުގައި ވާހަކަ ނުދެއްކުމަށް ނަޝީދު އަންގަވައިފި

އަލީ ޔާމިން

އިސްލާމް ދީން ހަތިޔާރަކަށް ނަގައިގެން ސިޔާސީ ފައިދާއެއް ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ގާނޫނާ ބެހޭ ބިލަށް އިސްލާހު ގެނައުމުގެ ބަހުސްގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދެއްކުމަކީ ލާޒިމުކަމެއް ކަމަށެވެ. ނަމަަވެސް މަޖިލީހުން އެ މައްސަލަ ބަލައިނުގަންނަކަމަށް ވިދާޅުވެ ސައީދު ވާހަކަ ދައްކަވަން ފެއްޓެވުމުން މަޖިލިސް ރައީސް ވަނީ އެ މައްސަލަ މެދުކަނޑައިލައްވައިފައެވެ.

''ދީން ހަތިޔާރަކަށް ނަންގަވައި ސިޔާސީ ފައިދާއަށްޓަކައި މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ މަޖިލީހުގެ މެންބަރުންނަށް އެކަނި ލިބޭ ދެރައެއް ނޫން. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭ ދެރައެއް. އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ އަރިހުން އަނެއްކާވެސް ތަކުރާރުކޮށް އެދެން އެކަން އެގޮތަށް ނުކުރުމަށް،'' ނަޝީދު ވިދާޅުވިއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެކެވެ. އެ މައްސަލަ އާދަމް ޝަރީފް ހުށަހެޅުއްވީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ކުރީގެ އިސް ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 10 މެންބަރުންނެވެ.

އެ މައްސަލަ ބޭރުކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން ބުނެފައި ވަނީ އެ މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އޭގެ ފަހަތުގައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުންކަމަށެވެ.