ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ފެއްޓެވި "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައިވެސް އެފަދަ ޝުއޫރެއް ފާޅުކުރުމަކީ ކުށަކަށް ވާނެ އެވެ.

ގާނޫނަށް އިސްލާހު ގެނެސްގެން ވެސް "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ސަރުކާރަށް ލަފާދިނުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.

އެ ބިލުގައިވަނީ ގާނޫނުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމަށާއި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ބައެއް އަމަލުތަކަކީ، ގާނޫނީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެހެން ގައުމެއްގެ ދިދައަކަށް ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުމާއި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އޭނާއަށް ފުރައްސާރަކުރުމުގެ ގޮތުން އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުމަކީ ކުށެކެވެ.

މީގެ އިތުރުން އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުމުގެ އިތުރުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުުރުމާއި އެފަދަ އަމަލެއް ކުރަން އުޅުމަކީ ކުށެކެވެ.

އެ ހަތް ކުށަކީވެސް ޖަލު އަދަބު ކަނޑައެޅޭނެ ކުށްތަކެވެ. އެގޮތުން، އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުމަކީ، އަސާސީ މިންގަނޑުން ބަލާއިރު، ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކުށެކެވެ. ބާކީ ހުރި ހަ ކުށަކީ، ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށްތަކެކެވެ. އެހެންކަމުން އަސާސީ މިންގަނޑުން ބަލާއިރު، އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކުށްތަކެކެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު، އެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.