ޚަބަރު

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ: ގާސިމް

މުހައްމަދު އިޝާން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާނެކަން ގާސިމް ހާމަކުރެއްވީ މިރޭ ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ރޫހާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމެއް ނުނިންމާނެ ކަމަށެވެ.

ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާއެކުތޯ ނުވަތަ އެކަނިތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ޓާގެޓް ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެންގެ މަސައްކަތް އެހާހިސާބަށް ދެވިއްޖެކަމަށް ގަބޫލުފުޅު ކުރައްވާނަމަ ކައުންސިލުން ނިންމާނެ އަޅުގަނޑުމެން ކޮންގްރެސްއަށް ދާން. އަސާސީ ގަވާއިދަށް ހިންގާ ގަވާއިދަށް ބަދަލެއް ގެންނަން ބޭނުންވާނަމަ ގެނެސްފަ ކޮންގްރެސް ބާއްވާފަ. ދެން ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ދާއިރާއަކުން އެ ހިސާބަށް ދިޔުމަށް މަސައްކަތް ކުރުމަށް، އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. ދެން މި މަސައްކަތްކުރާއިރު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ އަޅުގަނޑުމެން އެކަނިތޯ ނުވަތަ ދެކަނިތޯ ދާނީ އެކަން ނިންމާނީ އަޅުގަނޑުމެންގެ މި ކައުންސިލުން. ކޮންގްރެސްއިން ނިންމާނެ ކަންތައްތަކެއް، އަޅުގަނޑަށް ޔަގީން ކޮންގްރެސްއަކުން ނުނިންމާނެކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނޭ ކިޔާފަކައެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމާރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ނިންމައިފައިވަނީ ކެންޑިޑޭޓަކު ނެރެން ކަމަށާއި ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ޖުމްހޫރީ ޕާޓީއަށް ކޮށްދެވެން ހުރީ ސިޔާސީ ގޮތުން ބާރުވެރިކަން ލިބިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދުތައް އޮތްގޮތަށް ރައްޔިތުންނަށް ޑެލިވާ ކުރެވޭނީ ހަމަގައިމު ވެސް އަޅުގަނޑުމެންނަށް ބާރުތަކެއް ލިބިގެންނޭ. އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބެގެން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން ރައްޔިތުން އެކަން ގަބޫލުކުރައްވަން ޖެހޭނެ ހަމަގައިމު ވެސް" ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީއަށް މީހުން އިތުރުކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަމާޒަކީ 30،000 މެމްބަރުން ހަމަކުރުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ދާއިރާތައް އެކުލަވާލައި އެ ދާއިރާތައް މީހުން އައްޔަންކޮށް މަސްއޫލިއްޔަތު ބަޔާން ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.