ޚަބަރު

ޔޯގާ ޑޭގެ ސެކިއުރިޓީ ބަލަހަންޓަން ފުލުހުންނަށް ފުރިހަމަ މައުލޫމާތު ދިނިން: މަހުލޫފް

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށްޓަކައި ގަލޮޅު ދަނޑުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި އެ ހަރަކާތާބެހޭ ފުރިހަމަ މައުލޫމާތު ފުލުހުންނަށް ދީފައިވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ޔޯގާ ޑޭގެ ހަރަކާތަށް ހުރަސްއެޅުމަށް މަސައްކަތްކުރި މީހުން ގަލޮޅު ދަނޑަށް ވަދެގަނެފައި ވަނީ އެތަނުުގެ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހުގައެވެ. އެކަމާ ގުޅިގެން ފުލުހުން އިއްޔެ ބުނީ، އެ ހަރަކާތުގައި އެކި ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަަޑައިގަންނަވާކަން އެނގިފައިނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ، މިނިސްޓްރީގެ އެއްވެސް ހަރަކާތެއްގެ ސެކިއުރިޓީއަށް އެދޭނަމަ، ވަކިން ބްރީފިން ބައްދަލުވުމެއް ބާއްވައި ހުރިހާ ވާހަކައެއް ދައްކާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޔޯގާ ދުވަހަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އައި ދުވަހަކަށްވާއިރު، މިއަދު އެކަން މައްސަލައަކަށް ބަޔަކު ހަދައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

"ޕީޕީއެމްއާއި އެމްޑީޕީއާ ހުރިހާ އެންމެންވެސް 2014 އިން ފެށިގެން ފާހަގަކުރި ދުވަހެއް ނޫންތޯ މިއީ، އެހެންވީމަ މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުންދޭ އުސޫލުން ބަޔަކު ރާވަމުން އަންނަ ކަމެއް، އަޅުގަނޑު ވަަރަށް ސާފުކޮށް ބުނަން ބޭނުންވަނީ ޔޯގާއާއި މިއުޒިކާއި ދެން އޮތް ކަމަކާއި ދެން އޮތް ކަމަކާ، މި ހުރިހާ ކަމެއްގައި ހަރާންތޯ ހަރާން ނޫންތޯ ސާފުކޮށް އަޅުގަނޑުމެން ކައިރީގަ ބުނީމަ އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން، މި ކުރާކަމަކީ މި ވިސްނުމުގެ ތެރެއިން ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން، އެންޑް ރިޒަލްޓުގައި ބޭނުންވަނީ ވެރިކަމަށް އަންނަ،" މަހްލޫފު ވިދާޅުވިއެވެ.