ޚަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ވަކީލުންނަށް ހާޒިރު ނުވެވޭތީ މިއަދުގެ އަޑުއެހުންވެސް ކެންސަލް

އަލީ ޔާމިން

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށްކުރާ ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ޔާމީންގެ

ދިފާއީ ވަކީލުންގެ އެހެން އަޑުއެހުމެއް ހައިކޯޓުގައި އޮތުމުން ކަމަށެވެ.

އެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުންވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ ޔޫސުފް ނައީމްގެ ވަކީލުން ބަލިވެ އުޅޭތީއެވެ.

އާރަށް މައްސަލައިގައި މިއަދުވެސް އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ އެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނާއެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގައިފައެވެ.

އާރަށް މައްސަލައިގައި ޝަރީއަތުން ގަސްތުކުރަނީ މިމަހުގެ ތެރޭގައި ހެކިބަސް ނަގައި ނިންމައި، ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އޮގަސްޓު މަހު އަޑުއެހުމެއް ބޭއްވުމަށެވެ. އަދި ހަމަ އެ މަހު ހުލާސާ ބަޔާން އިއްވުމަށެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.