ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށައިގެން ކުރިއަށްދާ ހިސާބުން އެދިރިއުޅުމަށް އުފާވެރިކަމުގެ ބަހާރެއް ގެންނަ ދަރިންނަކީ ދެމަފިރިން، މަންމައަކާއި ބައްޕައަކަށް ބަދަލުކޮށް، އެދެމެދުގައި އޮތް ގުޅުން އިތުރަށް އެތައް ގުނައެއް އިތުރުކޮށް، ގާތްކޮށްދޭ ބައެކެވެ. އެހެންނަމަވެސް ދަރިން ލިބުމަށްފަހު، އިހުގައި އޮތް ލޯތްބާއި ގުޅުން ކެނޑި، ދެމީހުން ވަކިވެ، ކުދިންގެ ބޯ މަތިން ލޯބީގެ ހިޔާވަހިކަން ދެބަޔަކަށް ބެހިގެންދާ ހިތާމަވެރި ހާލަތްތައް ދިމާވާތަން މުޖުތަމައުން ފެންނަނީ ކަންބޮޑުވެ، ވިސްނައިލަންޖެހޭ ވަރަށް ގިނައިންނެވެ. މިހާލަތުގައި، ހުރިހާ ވޭނެއް އުފުލަން ޖެހެނީ، ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކެވެ. ހުރިހާ ދެރައަކާއި ނިކަމެތިކަމަކާއި ހިތްދަތިކަމެއް ލިބެނީ އެއްވެސް ކުށެއް ނެތް މައުސޫމު ކުޑަކުދިންކަޅަށެވެ.
އާއްމުކޮށް އަޅުގަނޑުމެނަށް މުޖުތަމައު ތެރެއިން އިވެނީ އަދި ފެންނަނީ މިފަދަ ހާލަތު ތަހައްމަލު ކުރާ އެކަނިވެރި މައިންނެވެ. އަންހެނުންނެވެ! އެހެންނަމަވެސް މިހާލަތުގެ ވޭނުގައި ކެކުޅުން ލިބޭ އެކަނިވެރި ބަފައިން، ބައްޕައިން ފިރިހެނުންވެސް އުޅޭކަން ޔަގީނެވެ. ކިތަންމެ ގަބޫލުކުރަން ދަތި ވާހަކައަކަށްވިޔަސް، މައިލަގޮނޑި ކެތެއް ނުކުރާނޭ، ދަރިންނަށް އެއްވެސް ދެރައެއް، ކުޑައިމީސް ބަހެއް ބުނަންވެސް މައިން ނޭދޭނޭ، ބުނާ ބުނުން ހުރިހާ ފަހަރެއްގައި ތެދަކަށް ނުވެދާނެއެވެ. ހިތްހިލަ ބައްޕައެއްގެ ބަދަލުގައި މަންމަގެ ހިތްހަރުވެފައި ބައްޕަ، މަޔަކާއި ބައްޕައެއްގެ ދައުރު އަދާ ކުރާ މަންޒަރު، ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ހަމަ ފެނިދާނެކަން ގަބޫލުކުރަން ޖެހެއެވެ.
އެކަނިވެރި، ހާލުގައި ޖެހި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީ، އާއްމުންނާ ހަމައަށް މިފަދަ ފަރާތްތަކުގެ ވާހަކަތައް ގެނެސްދީ، އާއިލާތަކަށް އެހީ ވުމުގައި، ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަ، "މަމްސް"ޖަމިއްޔާ މެދުވެރިކޮށް، މިފަދަ އެކަނިވެރި، ކުދީންގެ ޒަރޫރީ، އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ނުކުޅެދުންތެރިވެފައިވާ ޒުވާން ބައްޕައެއްގެ ވާހަކަ ދާދިފަހުން ވަނީ ގެނެސްދީފައެވެ.
ސަމީރަކީ(އަސްލު ނަމެއް ނޫން) މިބުނާފަދަ ބައްޕައެކެވެ. ދިރިއުޅުމުގެ ދަތުރުގައި ކުރިއަށް ދަނިކޮށް ތިންކުދިން ލިބުނުހިސާބުން، ސަމީރަށް ޖެހުނީ އެކުދިންގެ މަންމައާއި ވަކީން އެކުދިންނަށް މައަކާއިބައްޕައެއްގެ ލޯބިދޭށެވެ. ކުދިންގެ މަންމަ، ސަމީރާއި ވަކިވެގެން އެހެން ކައިވެންޏެއްކޮށްގެން، އާ ދިރިއުޅުމަކަށް ދިޔައިރު، ދަރިން ނެތްނަމަ އެއްވެސް މައްސަލައަކަށް އެކަން ނުވީހެވެ. ހަމައެހެންމެ ސަމީރާއި ވަކިވިނަމަވެސް ކުދިންނާ ވަކިނުވިނަމަވެސް މިހެނެއް ނުވީސްކަންނޭނގެއެވެ.
ކުދިން ދޫކޮށްލާފައި، އެކުދިންގެ މަންމަ ދިޔަ ދުވަހު، އެކުދީންގެ ލޮލުން އޮހުނު ކަރުނައާއި އެކުދިންގެ ހިތާމަވެރި ސޫރަ ދުވަހަކުވެސް ސަމީރުގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ. މަންމައަށް އެދިއެދި އެކުދިން ގިސްލިއަޑު، އަބަދުވެސް ސަމީރުގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުންނަވާހަކަ "މަމްސް"އަށް މައުލޫމާތު ދެމުން ސަމީރު ބުނެފައިވެއެވެ.
އެމައުސޫމު ކުދީންކޮޅުގެ ހައްގުގައި ސަމީރު އޭނާގެ ހުރިހާ އުއްމީދުތަކާއި އަމިއްލަ ހުވަފެންތަކާއި ދުނިޔެވީ އުފަލާއި އެދުންތައް ކަފުންކޮށް، ވަޅުލީ، އޭނާގެ ހުރިހާވެސް އުއްމީދަކީ އަދި އުފަލަކީ އެކުދިންކަމުގައި ނިންމައިފައެވެ.
ކުޑަދަރިންކޮޅުގެ ހައްގުގައި ނެތް ތަޖުރިބާއެއްގައިވެސް މައެއްގެ ދައުރު އަދާ ކުރުމަށް، ސަމީރު އަތުކުރި އޮޅާލިއެވެ. އެކަމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ސަމީރު ހިތުގެ އަޑިން އަޒުމު ކަނޑައެޅިއެވެ. ހާއްސައެހީއަށް ބޭނުންވާ ކުއްޖަކާއެކު ޖުމުލަ ތިން ކުދިންގެ ޒިންމާ، މައެއްގެ ހައިސިއްޔަތުން އަދި ބަފައެއްގެ ހައިސިއްޔަތުން ކޮނޑުގައި އެޅިއިރު، ގެއާއި ބަދިގޭގެ އެއްވެސް ކަމެއްގެ ހުނަރުވެރިކަމެއް ސަމީރުގެ ނެތެވެ. އެހެންވިޔަސް، އިނގިލިތަކާއި އަތް ފިއްސަމުން ސަމީރު އޭނާގެ ދަރިންކޮޅުގެ ކާއެތިކޮޅު ރޯފިލުވައިދޭން ފެށިއެވެ. ވަކި ގަވައިދަކުން އިސްތިރި ކުރަން ޖެހޭ ޔުނީފޯމުތައް އިސްތިރިކުރަން އުޅެން ޖެހުނު ހާލު ދުވަހަކުވެސް ސަމީރު ހަނދާނެއް ނުނެތޭނެއެވެ.
އެކަމަކު އަތުގައި ލީ ކޮންމެ ލަކުނަކީ އަދި ކުދިންގެ ހައްގުގައި ސަމީރު އުފުލި ކޮންމެ ބުރައަކީ ނޭނގޭ ހިތްހަމަޖެހުމަކާއި ހިތުގައި އޮތް ވަރުގަދަ އަޒުމު އިތުރަށް ގަދަފަދަވުމަށް ލިބެމުންދިޔަ ބާރެކެވެ. ކޮންމެ ހާލެއްގައިވެސް އެކުދިންގެ ކަންތައް ކޮށްދޭނެކަމަށް ސަމީރު ވީވައުދުގެ މަތީގައި އޭނާ ހުރީ ސާބިތުވެގެންނެވެ. އެހެންނަމަވެސް، ފިރިހެނަކު، އެކަނި ކުދިންތަކެއް ގެންގުޅެ، ބަލައި ބޮޑުކުރުމަކީ ފަހަރެއްގައިވެސް ފަސޭހަ ކަމެއްނޫނެވެ.
އެހެންނަމަވެސް މައްސަލައަކީ ސަމީރުގެ ލޯބިން، ދުނިޔޭގެ ދިރިއުޅުމުގެ ކަންތައްތަކަށް ކުރަން ޖެހޭ ހޭދައިގެ ހަރަދުތައް ހަމަޖައްސައިނުލެވޭ ކަމެވެ. ހަމައެކަނި ލޯތްބާއި ހިދުމަތުން ހުރިހާ ކަމެއް ފުއްދޭން ނޯންނަކަމަކީ ހަގީގަތެކެވެ. ސަމީރުގެ އާއިލާއަކީވެސް މާ ފުދުންތެރި އާއިލާއަކަށް ނުވާތީ އެމީހުންގެ ފަރާތަކުންވެސް މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. ހާއްސައެހީއަށް ބޭނުންވާ ކުއްޖަކާއެކު އިތުރު ކުޑަދެކުދިން ގޮވައިގެން އެކަނިމާއެކަނި އުޅެން ޖެހުމުން ސަމީރަށް ގަޑިއަށް މަސައްކަތު ދިއުން ދަތިވެ، އެކަމަށްވެސް ދިޔައީ ބުރޫއަރަމުންނެވެ. ކިރިޔާވެސް އާމްދަނީއެއް ލިބެނީ ރަށުތެރެއިން ލިބޭ ކުދިކުދި މަސައްކަތުން ލިބޭ އެއްޗަކުންނެވެ.
ކަންތައްތައް މިހެން ހުރިއިރު، އެންމެ ހިތްދަތިކަމަކީ އެކުދިންނަށް ބޭނުންވާ އެއްޗެހީގެ އިތުރުން ސުކޫލުގެ އެކި ކަންކަމަށް ބޭނުންވާ އެއްޗެހި ހޯދުމަށް ސަމީރުގެ އެއްވެސް ފެންވަރެއް ނެތުމެވެ. ކުދިން ސްކޫލަށް ދާން ލާ ޔުނީފޯމާއި އަރާ ބޫޓާއި ގެންގުޅޭ ފޮތްދަބަހާއި ފޮތްފަންސުރު ފަދަ ތަކެއްޗަކީ، ކިޔަވާ ކުއްޖަކަށް ބޭނުންވާ އަސާސީ ތަކެތިކަމުގައި ވިޔަސް، އަމިއްލަ ކުދިންނަށް، އެވަރު ފުރިހަމައަށް ފުއްދައިދިނުމުގައި ސަމީރު ވަނީ ނުކުޅެދިފައެވެ. އެއީ އޭނާއަށް ފުން ހިތާމައެއް ލިބޭ ކަމެކެވެ.
"ކޮންމެ އަހަރަކުވެސް ސްކޫލަށް ދާން ކުދިން ލައްވަނީ އެހެންކުދިން ބޭނުންކޮށްފަ ހުންނަ ޔުނީފޯމް. ގިނަ ފަހަރު މީހުން ދޭ ޔުނިފޯމް ބާވެފައި ހުއްޓަސް، ކުދިންނަށް ހެޔޮވަރު ނުވި ކަމުގައި ވިޔަސް ލައްވަން ޖެހޭ! ކުދިންނަށް ބޭނުންވާ އެއްޗެހި ހޯދައި ނުދެވޭތާވީ އަހަރެއްވެސް ނޭންގޭ! ސްކޫލަށް ބޭނުންވާ އެއްޗެހި ވެސް ނެތި ސްކޫލަށް ފޮނުވަމުން މި އަންނަނީ."
އެހެންވިޔަސް، ސުކޫލަށް ބޭނުންވާ އެއްޗެހި ނެތްކަމުގެ ބަހަނާ ދައްކާފައި ކުދިން ސްކޫލަށް ނުފޮނުވައި، އެކުދިންގެ ތައުލީމީ ހަޔާތް ހުއްޓުވާލުންފަދަ ހަރުކަށި އެއްވެސް ނޭއްގާނީ ކަމެއް ސަމީރެއް ނުކުރެއެވެ. ކޮންމެވެސް ދުވަހަކުން ހާލަތު ބަދަލުވެދާނެކަމުގެ އުއްމީދާއި ހެޔޮ ދުއާގައި ކުދިން ސްކޫލަށް ފޮނުވަމުން އަންނަ ސަމީރު ހުރީ އޭނާގެ ދަރިންނަށް ޓަކައި ވާންޖެެހޭ ކޮންމެ ގުރުބާނީއެއްވެސް ވުމަށް ތައްޔާރުގައެވެ. ސްކޫލަށް ބޭނުންވާ ތަކެތި ހަމަނުވުމުން ނޫނީ ލައިގެން ހުންނަ ބޫޓު ހަލާކުވެފައި ހުރުމުން ކުލާހުގައި އެހެން ކުދިން ވާހަކަނުދައްކައި، މަލާމާތްކޮށް ހެދުމުން ގެއަށް އައިސް ކުދިން ރޯ މަންޒަރަކީ ސަމީރުގެ ހިތްކުދިކުދި ވެގެންދާ މަންޒަރެކެވެ. ހުދު ސަމީރަށްވެސް މިމަންޒަރު ފެނި އަސަރުކޮށް، ރޮވެއެވެ.
"މަންމައެއްގެ ލޯތްބާ ނުލައި ތިން ދަރިން ގޮވައިގެން މި ވޭތުކުރަނީ ހިތްދަތި ދިރިއުޅުމެއް. ކުދިން ސްކޫލަށް ދިއުމަށް ތައްޔާރުކޮށްދޭން އެހީވެދޭނެ މަންމައެއް ނެތްތަނުގައި އެކުދިން ސްކޫލަށް ބޭނުންވާ ރަނގަޅު އެއްޗެއްވެސް ހަގީގަތުގައި ހޯދައެއް ނުދެވޭ." ސަމީރު ކިޔައިދިނެވެ.
ފޭސްބުކްގެ މަމްސް ޕޭޖުގައިވާ ޕޯސްޓެއްގައި ސަމީރުގެ ހަޔާތުގެ މިހިތްދަތި، ނުކުޅެދުންތެރި ދިރިއުޅުމުގެ ވާހަކަ ހިއްސާކޮށްފައި، ސަމީރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް އެދި އިލްތިމާސްކޮށްފައިވެއެވެ. ކުރިއަށް މިއޮތީ ސްކޫލުތަކުގެ އަހަރީ ބޮޑުބަންދެވެ. އަޅުގަނޑުމެންގެ ތެރެއިން ފުދޭމިންވަރަށްވުރެ މާބޮޑަށްވެސް އިތުރުވާވަރަށް ހަރަދުތަކެއް ކޮށްގެން ދަރިންނާއި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ޕްރޮގްރާމްތައް ރާވައި، އެއްވެސް ފިކުރެއް ނެތި މުހިންމުނޫން އެތައް ހަރަދެއް، ހަމައެކަނި ކުޑަކުޑަ ހިތްހަމަޖެހުމަކަށްޓަކައި، ކުރަމުން އަންނައިރު، މިނިކަމެތި އާއިލާގެ ކުދިން އެތިބީ، ސުކޫލު ހުޅުވެންވާއިރަށް، ބޭނުންވާ އެކައްޗެއްވެސް ނެތި، ހަދާނެ ގޮތެއް ނޭނގިފައެވެ. އެހެންކަމުން، ﷲއަށްޓަކައި، ހެޔޮނިޔަތެއްގައި، މިއާއިލާއަށް ދީލަތި އެހީއެއް ވެދިނުން ކީއްތޯއެވެ.
ސަމީރުގެ އާއިލާއަށް އެހީވުމުގެ ފުރުސަތު 'މަމްސް'ޕޭޖުން ވަނީ ހުޅުވާލައިފައެވެ. ސަމީރުގެ މައުސޫމު، ކުޑަކުދިންކޮޅުގެ މޫނުމަތިން ހިނިތުންވުމެއް ގެނެސްދޭނެ މީހަކު ކަމުގައި ވެލައްވާށެވެ! މި ކުދިންގެ މޫނުމަތިން އުޖާލާކަން ގެނުވައި މި ކުދިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ދެއްވާށެވެ! މި އާއިލާއަށް އެހީތެރިވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މި ކުދިންނަށް ސުކޫލަށް ދިއުމަށް ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް، (މަމްސް ޕޭޖްގެ 'ބެކްޓު ސްކޫލް ކެމްޕެއިން' މެދުވެރިކޮށް) އެހީތެރިވެވޭނެއެވެ.
- އެހީތެރިކަން ފޯރުކޮށްދިނުމަށް:
- MOMS
- 7730000294482 MVR
- އިތުރު މައުލުމާތު ހޯއްދެވުމަށް:
- 7688122 ނުވަތަ 7849393 އަށް ގުޅުއްވާ!
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް