ޚަބަރު

ކޮވިޑް ފެތުރޭތީ ހުޅުމާލޭގައި އީދު ޝޯ އާއި ހަވާ އެރުވުން ނުބާއްވަން ނިންމައިފި

މުހައްމަދު އިޝާން

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި އީދު ޝޯ އާއި ހަވާ އެރުވުން ނުބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ، މި ދުވަސްވަރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ، ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"އެގޮތުން އީދު ޝޯ އަދި ހަވާ އެރުވުމަކީ ގިނަ ބަޔަކު އެއްތަނަށް އެއްވެ ފާހަގަކުރާ ހަރާކަތަކަށްވާތީ މިފަހަރުގެ އީދު ކުޅިވަޅުގެ ތެރޭގައި މި ދެ ހަރަކާތް ނޯންނާނެ ވާހަކަ ދަންނަވަން،" އެޗްޑީސީން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ފާއިތުވި ހަފުތާގައި ރާއްޖޭއިން ކޮވިޑު ޖެހުނު އަދަދުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާތެރޭ 1202 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ބަލާ ނަމަ 170 މީހުންނެވެ.

ތަފާސްހިސާބު ދައްކާގޮތުން މިމަހުގެ 19 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 159 މީހުންނެވެ. 20 ވަނަ ދުވަހު 179 މީހުން ޕޮޒިޓިވްވި އިރު، 21 ވަނަ ދުވަހު 120 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ފާއިތުވި ހަފުތާއަށް ބަލާ ނަމަ އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ 22 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ރާއްޖެއިން 237 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 23 ވަނަ ދުވަހު 192 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 24 ވަނަ ދުވަހު 134 މީހަކާއި 25 ވަނަ ދުވަހު 181 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް އިތުރުވެފައިވާއިރު، މިހާރު 51 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 305 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.