ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް އަރައިގަނެ، ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ސެކިއުރިޓީ ފެއިލްވުމުން ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، ފުލުހުންނަކީ މީގެ ކުރިން ބޭއްވި އެކިއެކި އެއްވުންތަކުގެ ސެކިއުރިޓީގެ ކަންކަން ވަރަށް ޕްރޮފެޝަނަލްކޮށް ބެލެހެއްޓި ބައެއް ކަމަށާއި ނަމަވެސް ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބްރީޗުވުމަކީ ފުލުހުންގެ ފެއިލިއާއެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން އެއީ އަޅުގަނޑުމެން ފުލުހުން މިއަށްވުރެ މާރަނގަޅަށް ރޯޑުތައް މެނޭޖުކޮށް މާލޭގައި ބޭއްވި އެކިއެކި އެއްވުންތައް ވަރަށް ޕްރޮފެޝަނަލްކޮށް ބެލެހެއްޓި ބަޔަކު، އެތަނުގެ ސެކިއުރިޓީ ބްރީޗުކޮށް އެ ހިންގި ކަންތައްތަކަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ސެކިއުރިޓީގެ ފެއިލިއާއެއް ކަމަށް އަޅުގަނޑުމެން އެޑްމިޓްކުރަން،" ސުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުންގެ ސެކިއުރިޓީ ބްރީޗުވި މައްސަލައާ ގުޅިގެން ފުލުހުންގެ އެތެރޭގެ އިންކުއެރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް އަންނަ އާދިއްތަ ދުވަހު ލިބޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ އިންޓެގްރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޑުންވެސް އިންކުއެރީއެއް ހަދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ، ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން އިތުރު ދިހަ ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ހަރަކާތުގައި އިސްކޮށް އުޅުނު ހަތަރު މީހަކުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ. ދަނޑަށް އަރައިގަން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުން ރޫޅާލީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.
ޚަބަރު
ޚަބަރު