ޚަބަރު

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން 110 ހެކި ހުށަހަޅައިފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންއަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން 110 ހެތްކެއް ހުށަހަޅައިފިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުން މާވިންގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މަރާލުމުގެ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވާތީ ދައުލަތުން ހެކި ހާމަކުރުމާއި މާވިންގެ ބަންދު މުރާޖައާ ކުރުމެވެ. ދައުލަތުން މިއަދު ހުށަހެޅި 110 ހެއްކީގެ ތެރޭގައި ކިތާބީ ހެކީގެ އިތުރުން 74 ހެކިވެރިން ހިމެނެއެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މި ދައުވާއަކީ މައުލޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވިއެވެ.

ނަމަވެސް މި މައްސަލައިގައި ދައުލަތުން އެންމެ މުހިންމު އެއް ހެކީގެ ގޮތުގައި ބަލައި މާވިން އާއި މޭރީގެ ދަރިފުޅުގެ އެސެސްމަންޓް ރިޕޯޓް އަދިވެސް ލިބިފައެއްނުވެއެވެ.

ދައުލަތުން ބުނީ އެ ކުއްޖާ ފިލިޕީންސްގައި ހުރުމުން، އެ ރިޕޯޓް ހޯދަން ވަގުތު ބޭނުންވާ ކަމަށާއި އިބްތިދާއީ މަރުހަލާ ނިމޭއިރު އެ ރިޕޯޓް ނުލިބިއްޖެ ނަމަ، އެ ފުރުސަތު އަލުން ނުދިނަސް މައްސަލައެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން މާވިންގެ ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދީގެން ނުވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ގާޒީ ވިދާޅުވީ އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް އެ ރިޕޯޓް ނުލިބިއްޖެ ނަމަ އިތުރު ފުރުސަތު ދައުލަތަށް ނުދެއްވާނެ ކަމަށެވެ.

ދިފާއުން ހެކި ހުށަހެޅުމުގެ ބަދަލުގައި އެކަމަަށް އިތުރު ފުރުސަތަކަށް އެދުމުން ގާޒީ ވަނީ ލިޔުމުން ދިފާއީ ހެކި ހުށައަޅަން ހަތް ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.

މާވިންގެ ބަންދާމެދު ގާޒީ ވިދާޅުވީ، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ކަމަށާއި އެހެންކަމުން މިހާތަނަށް އައިއިރު އޭނާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ ދިވެހި ލޯބިވެރިޔާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއްވެސް މިއަދު އޮތެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.