ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން 60 ދުވަހުގެ ތެރޭގައި ފާސްކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.
ލާމަރުކަޒީ ގާނޫނުގެ 107 މާއްދާގެ ދެވަނަ ބައިގެ (ނ) އަށް މި އިސްލާހު ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
އެ މާއްދާގައި މިހާރު އޮންނަނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ފާސްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާތައި ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަކަށް އެ އިދާރާއިން ހުއްދަ ދޭންވާނެ ކަމަށެވެ. އެ މުއްދަތު ފާއިތުވާއިރު، އެ ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ގޮތުން ވަކި ކަމެއް ރަނގަޅުކުރުމަށް އެ އިދާރާއިން އަންގާފައިނުވާ ނަމަ، ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވީ ކަމުގައި ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާއަށް ނާޒިމު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ފާސްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަކަށް އެ އިދާރާއިން ހުއްދަ ދޭންވާނެ ކަމަށެވެ.
އަދި ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ވަކި ކަމެއް އިސްލާހުކުރުމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ، ރަށު ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހު ކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަންވާނެ ކަމަށާއި އެ މުއްދަތު ފާއިތުވާއިރު، އެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެ އިދާރާއިން އަންގާފައިނުވާ ނަމަ ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވީ ކަމުގައި ބަލަންވާނެ ކަމަށް ބުނެފައިވެއެވެ.
ނާޒިމު ވިދާޅުވީ، މި އިސްލާހު ހުށަހެޅުއްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅުތެރޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ފަސޭހަކޮށް، ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ފެށުން ލަސްވުމުގެ ސަބަބުން ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާ ލޭންޑް ޔޫސް ޕްލޭން ގިނަ ރަށްތަކެއްގައި ހެދިފައި ނުވަނީ، އެކަމާބެހޭ ޓެކްނިކަލް ބޭފުޅުން އެކަށީގެންވާ ވަރަށް ނެތުމާއި އެކަމަށް ބޭނުންވާ ބަޖެޓާއި ވަސީލްތަތްތައް ނެތުމުގެ ސަބަބުންނެވެ.
ނަމަވެސް މި ބިލު މަޖިލީހަށް ބަލައިގަންނަން މިއަދު ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ބިލު ބަލައި ގަންނަން ވޯޓު ދެއްވީ ނާޒިމްގެ ޕާާޓީގެ ނާއިބު ރައީސް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. ބިލު ބަލައިގަންނަން ނުފެންނަ 32 މެންބަރުން ވޯޓު ދެއްވިއެވެ.