އިނދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްކޮށް ހުންނަވައިގެން ހިންގަވާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާ ނަމަ ގާނޫނުތައް އިސްލާހު ކޮށްގެންވިޔަސް އެ ހަރަކާތް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ދިމާވާ ގާނޫނީ ހުރަސްތައް ބަލައި އެފަދަ ހުރަހެއްވާ ނަމަ އެކަމެއް ނައްތާލުމަށް ނުވަތަ ހައްލުކުރުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުގެ އެ ހުށަހެޅުން ދިރާސާކުރުމަށްފަހު 241 ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ދިމާވާ 24 ކަމެއް ފާހަގަކޮށްފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތައް ކޮމިޓީއަށް ހާޒިރުކުރިއެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ވެރިންނާއި ހޯމް މިނިސްޓްރީގެ ވެރިންވެސް ހާޒިރުކުރިއެވެ.
އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން އެ ހުރިހާ ތަނަކަށް ދިމާވެދާނެ އަދި ދިމާވަމުންދާ ނޭދެވޭ ކަންތައްތަކުގެ މައުލޫމާތު އެއްކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ އެ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ރާއްޖެއާއި އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހިގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކަމެއް ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދެ ގައުމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށާއި އެގޮތުން ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ދިވެހިން އެންމެ ގިނައިންދާ އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ތިބޭ އިމިގްރޭޝަން އޮފިސަރުން، ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިން" ކިޔާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައެވެ. އަދި އިންޑިއާގެ ޓެކްސީ ޑްރައިވަރަކު އިންޑިއާގައި "މޯލްޑިވްސް އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި ނަމަ، އިންޑިއާގައި ތިބި ދިވެހިން ކަންތައްކުރާނީ ކޮންގޮތަކަށްތޯ ސުވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް 241 ކޮމިޓީއަށް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
އެކަންތައްތަކަށް ބެލުމަށްފަހު 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.
އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފުނުވާހެން އިންޑިއާ އައުޓް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމެވެ. ދެވަނަ ހުށަހެޅުމަކީ އިންޑިއާ އައުޓް ކެމްޕޭނު ހުއްޓުވުމަށް ގާނޫނާއި ގަވާއިދުގެ ސަބަބުން ހުރަހެއް ދިމާވާނަމަ އެ ހުރަހެއް ދިމާވާ މާއްދާ މަޖިލީހަށް ހުށަހަޅައިގެން އިސްލާހުކުރުމަށެވެ.