ޚަބަރު

ޔޯގާއާ ގުޅޭ ސިޓީ ފޮނުވީ އިޖުރާއަތަކާ ހިލާފަށް: އިސްލާމިކް މިނިސްޓްރީ

ރިފާ ހަލީލު

އިސްލާމިކް މިނިސްޓްރީގެ ނަމުގައި ފުލުހުންނަށް ފޮނުވި ސިޓީއަކީ ޔޯގާ ދުވަހުގެ ހަރަކާތާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެހެން ބުނެފައި މިވަނީ، މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީން އެފަދަ ކަންކަމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ. އެގޮތުން ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަތީ މަޖިލީހުގެ ތަފުސީލީ ފަތުވާއެއް ހޯދުމަށްފަހު އާންމުކުރާނެ ކަމަށް ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރަމުންދިޔަ ނަމަވެސް، 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ހިންދޫގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.