މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް މިރޭ ފުރައިފިއެވެ.
މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރާއި މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ގޮސްފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ އިންތިޒާމުތައް ކަމާގުޅޭ މުއައްސަސާތަކާއެކު، ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް މިރޭ ފުރި ފުރަތަމަ ގްރޫޕުގައި 157 ހައްޖާޖީން ހިމެނޭ ކަމަށެވެ.
މިރޭ ހައްޖުވެރިން ފުރާފައިވާއިރު، ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކާ ކައިރިން ވަނީ ހައްސަ ޕޮއިންޓްތަކެއް ކަނޑައަޅައި އެއާޕޯޓަށް ދިއުމަށް ބަހުގެ ހިދުމަތް ދީފައެވެ.
ހައްޖާޖީންނަށް އެހީތެރިވުމައްޓަކައި ބަސް އޮންނަ ޕޮއިންޓްތަކުގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީހުން ތިއްބެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަޑައިގެން ހައްޖާޖީންނާ ބައްދަލުކުރައްވައިފައެވެ.
ހައްޖުވެރިންނަށް މަރުހަބާ ދެއްނެވުމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖުމިޝަން އާއި ހައްޖު ކޯޕަރޭޝަން ވަނީ ތައްޔާރުވެފައެވެ.
ސައުދި އަރަބިއަން އެއާލައިނުން ހައްޖާޖީން ފުރާފައިވަނީ މިރޭ 11:15 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު