އެމްއެޗްއޭގެ އެންމެ ގިނަ ހިއްސާ އޮންނަ އަދި އެ ކުންފުނީގެ ވެރިޔާ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެވެރިޔާ (ނކޝއ) ހުސެއިން އަބްދުﷲގެ ހިއްސާ ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ނިންމި ނިންމުން ގޯސްކަމަށް ހައިކޯޓުންވެސް ކަނޑައަޅައިފިއެވެ.
ކޮވިޑުގެ އާލާސްކަންފުޅުގައި ހުސެއިން އަބްދުﷲ އަވަހާރީ، މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. އޭނާ އަވަހާރަވި އިރު، 1000 ހިއްސާގެ މައްޗަށް އެކުލެވިގެންވާ އެމްއެޗްއޭގެ އެންމެ ގިނަ ހިއްސާ އޮންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި ހުސެއިން އަބްދުﷲ އަށެވެ.
ނުވަ ހިއްސާދާރުން ހިމެނޭ އެ ކުންފުނީގެ ދެން އެންމެ ގިނަ ހިއްސާ އޮންނަނީ މ. ރިހާބު/ އުސްމާނު އަބްދުﷲ އަށެވެ. އެއީ 50 ހިއްސާއެވެ.
ދެން ތިއްބެވި ށ. މަރޮށި/ އޯކިޑްމާގެ އަހުމަދު ނާޝިދަށާއި މ. އަރީޖު/ މުހައްމަދު ނިޒާމާއި ހަސަން ވަހީދާއި އަލީ ރިޒާ އާއި މުހައްމަދު ހަސަންއާއި ހ. ލައިލަކުވިލާ/ އިސްމާއިލް އަބުދުއްރަހުމާނާއި ހ.ފެންނާގެ/ ސަފްވާން އަހުމަދަށް، މީގެތެރެއިން ކޮންމެ މީހަކަށް އޮންނަނީ 10 ހިއްސާއެވެ.
ޢެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. އެއީ އަބްދުﷲ އާއި އުސްމާނު އަބްދުﷲ އެވެ.
ހުސެއިން އަބްދުﷲ އަވަހާރަވުމަށްފަހު ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އުސްމާން އަބްދުﷲ އެކަންޏެވެ.
މި މައްސަލައަކީ ހުސެއިން އަބްދުﷲ އަވަހާރަވުމާ ގުޅިގެން އޭނާގެ ނަމުގައި އޮތް 880 ހިއްސާ އެ ކުންފުނީގެ ދެން ތިއްބެވި ހިއްސާދާރުންގެ ނަމުގައި ހަމަހަމައަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ކަމަށް ކުންފުނީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ދެންނެވުމުން ރަޖިސްޓްރާ އެގޮތަށް އެކަން ކުރުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެގޮތަށް އެކަން ކޮށްދިނުމަށް ކުންފުނީގެ ފަރާތުން ހުށަހެޅީ ކުންފުނީގެ މެނެޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އުސްމާނު އަބްދުﷲ ސޮއިކުރައްވައި ކުންފުނީގެ ސެކްރެޓަރީގެ ހައިސިއްޔަތުން މުހައްމަދު ނިޒާމު ސޮއިކޮށެވެ.
އެކަމާ ގުޅިގެން މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ސަފްވާން އަހުމަދުގެ އިތުރުން އަހުމަދު އަބްދުﷲ އާދަމެވެ.
އެ ފަރާތުން ހުށަހެޅު މައްސަލައިގައި ބުނެފައި ވަނީ، ހުސެއިން އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެ މަރުހޫމުގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުގައި ހިނގަމުންދާތީ ތަރިކައިގެ މައްސަލައިގައި ގޮތެއް ނުނިންމަނީސް ކުންފުނީގެ ހިއްސާދާރުކަމުން ހުސެއިން އަބުދުﷲ ވަކިކޮށް، ކޯޓު އަމުރެއް ނެތި އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމެއް ނެތި ކުންފުނީގެ ދެން ތިބި މެންބަރުންނަށް 880 ހިއްސާ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކަށަ އަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އެކަމަކީ އިސްލާމް ދީނުގެ އަަސްލުތަކާއި ގާނޫނުއަސާސީން މުދާ ވާރުތަވުމުގެ ހައްގު ހުސެއިން އަބްދުﷲގެ ވާރުތަވެރިންނަށް ގެއްލޭ ގޮތަށް ކޮށްފައިވާ ކަމަކަށްވާތީ އެ ނިންމުން ބާތިލުކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
މި މައްސަލައިގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސލަ ހައިކޯޓަށް ހުށަހެޅީ، އެ ކުންފުނީގެ އެހެން ހިއްސާދާރެއް ކަމަށްވާ މުހައްމަދު ހަސަނެވެ. އިސްތިއުނާފު ކުރި ނުކުތާއަކީ ސިވިލް ކޯޓުން ގޮތެއް ނިންމީ ކުންފުނީގެ ހިއްސާދާރުންގެ ބަހެއް ހޯދުމަކާ ނުލާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ، މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ މުހައްމަދު ހަސަންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމާ ކަމަށެވެ.
ޚަބަރު
ޚަބަރު