ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު (26އ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހަމަނުޖެހުމެއްގެ ތެރެއިން އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމް (މަރާލި ބަންގްލަދޭޝް މިހާ)ގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އާބިދަށްކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އިއްވާނީ މަރުގެ އަދަބެވެ.
ނަމަވެސް މަރުގެ ދައުވާއަށް އިންކާރުކުރަމުން އާބިދުގެ ވަކީލް އިބްރާހިމް އަލީ ވިދާޅުވީ، އާބިދު، ޝަމީމް މަރާލީ ގަސްތުގައި ނޫން ކަމަށެވެ.
އާބިދުގެ ވަކީލް ވިދާޅުވީ، ހާންޖީ ރެސްޓޯރެންޓުގެ ތެރޭގައި އާބިދުއާއި ޝަމީމްއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އެ ހަމަނުޖެހުމުގައި އާބިދުގެ ބޮލަށް ޝަމީމް ހަމަލާދިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޮލަށް އެނބުރުން އަރައިފައި ހުރެ، އަމިއްލަ ނަފުސުގެ ދިފާއުގައި އާބިދު އަތް ހޫރާލި ކަމަށާއި އެއިރު އަތުގައި އޮތީ ވަޅިއެއް ކަމެއްވެސް ނޭނގޭ ކަމަށެވެ.
އެ މައްސަލައަށް އާބިދު އިންކާރުކުރުމުން ދައުލަތުން ވަނީ ހެކި ލިސްޓެއް ހުށަހަޅައިފައެވެ.
ޝަމީމު މަރާލި މައްސަލައިގައި އާބިދުގެ ފަރާތުން ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމުން އާބިދުގެ ވަކީލު ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ބަންދު ދުވަސްތައް ލައިގެން ދިހަ ދުވަހުގެ މުއްދަތެއް ހެކި ހުށަހަޅަން ދިނުމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ 11 ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެ ހެކީންގެ ހެކިބަސް ކުރިއަށް ނަގަނީ އޭގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް އަދި ޕާކިސްތާނުގެ މީހުން ކަމަށްވުމުން ހެކި ފަހަށް ރައްކާކުރުމަށެވެ.
ޝަމީމް މަރާލާފައިވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައެވެ،
ޚަބަރު
ޚަބަރު