ޚަބަރު

އަހަނދު އާއި އިސޫއާއެކު ގަޓު މުއާވެސް ހައްޔަރަށް، ތުހުމަތުކުރަނީ ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައަށް

އިބްރާހިމް ޒަކީ

އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު އިސްމާއިލް (އަހަނދު)ގެ އިތުރުން ދަފްތަރު އާރުއެސް 8499 އަހުމަދު މުއާޒް (ގަޓް މުއާ)ވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ތިން މީހުންވެސް ހައްޔަރުކުރީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ ނޫސްވެރިޔާ މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައާއި ސ. ފޭދޫ/ ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގައި ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އާއި، އެ ކުށްތައް ހިންގުމަށް މަގުފަހު ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ ތިން މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ރިލްވާން މަރާލާފައި ވަނީ 8 އޮގަސްޓް 2014ގެ ރޭ ވަގަށް ނަގައިގެންނެވެ. އަދި ޔާމީން މަރާލާފައި ވަނީ، 23 އޭޕްރިލް 2017ގެ ރޭ އޭނާ މާލޭގައި ދިރިއުޅުން ގެންދިޔަ ގޭގެ ސިޑި ގޮޅީީގައެވެ.

މިއަދު ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އިސޫ ހައްޔަރުކުރީ ކާނިވަލުގައި ސައިބޯން އިންދާ ފުލުހުންގެ ޓެކްޓިކަލް ޓީމަކުން އެތަނަށް ގޮސްގެންނެވެ. ނަމަވެސް އަހަނދުއާއި ގަޓު މުއާ ހައްޔަރުކުރި ތަނެއް އަދި ސާފެއް ނުވެއެވެ.