ކޮވިޑް-19ގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 303 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއީ މިމަހު ކޮވިޑް ޖެހިގެން މަރުވި ފަސްވަނަ މީހާއެވެ. އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ.

މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 303 އަށް އަރައިފައެވެ. އެއީ 284 ދިވެހީންނާއި 19 ބިދޭސީންނެެވެ.

ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.