ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓާ ވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިޔަކު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 6:54 ހާއިރު ކަމަށާއި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓް ލޯންޗުގައި ޑައިވަރުންނާއެކު މިއަދު ހެނދުނު 8:02 ހާއިރު ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފެށުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ ސިފައިން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 9:36 ހާއިރު އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު ހާބާ ކްރާފްޓަށް ނަގައި، މިހާރު ކްރޮސްރޯޑަށް ބާލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.