ޚަބަރު

އުރީދޫ ސުޕަނެޓްގެ ހިދުމަތް ދާންދުއަށް

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ދާންދުއަށް ތައާރަފުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ތައާރަފުކުރި އެ ހިދުމަތާ ގުޅޭގޮތުން އުރީދޫން ބުނީ ދާންދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ.

"އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް، ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު މިވަގުތު މާކެޓުގައި އެންމެ ފުރިހަމަ ޕްލޭންތައް. ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ދާންދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްް ބޮޑު އުފަލެއް. މި ހިދުމަތާއެކު ދާންދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އޭގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖު އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދާނެއެވެ.