ރުވާންޑާގައި މިހާރު ކުރިއަށްދާ ކޮމަންވެންތުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

އެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ކުރިއަށްގެންދަނީ މިމަހުގެ 20 އިން 25ގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ 54 ގައުމަކުން ބައިވެރިވެއެވެ.

އެ ބައްދަލުވުމުގައި، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާއި ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ކުރާނެއެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނިގޮތުގައި އެ ބައްދަލުވުމުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ބާއްވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް ސޯލިހު މަޝްވަރާކުރައްވާނެއެވެ.