ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 12 އަހަރާއި 17 އަހަރުގެ ދެމެދުގެ ކުދިންނަށް ކޮވިޑް-19ގެ ބޫސްޓާ ޑޯޒް (ތިން ވަނަ ޑޯޒް) ދިނުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ، 12 އަހަރާއި 17 އަހަރުގެ ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށް، ހަ މަސް ދުވަސް ވެފައިވާ ކުދިންނަށް މިއަދުން ފެށިގެން ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިދިޔަ ބުދަ ދުވަހު ވަނީ ކޮވިޑްގެ ހަތަރު ވަނަ ޑޯޒެއް ޖެހުމަށް ވެސް ނިންމައިފައެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރު ވަނަ ޑޯޒް ޖަހަން ފަށައިފައެވެ.
ހަތަރު ވަނަ ޑޯޒް ޖަހާނީ ކޮވިޑްގެ ފުރަތަމަ ބޫސްޓާ (3 ވަނަ ޑޯޒް) ޖެހި ފަހުން ހަތަރު މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
- 65 އަހަރުންމަތީގެ މީހުން
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެ
- މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން
- ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް ބޭނުންކުރުން
- ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން
- އިސްކޮޅާ އަޅައި ބަލާއިރު ބަރުދަން މަތި މީހުން
- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުން
- ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން
- ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
މީގެ އިތުރުން ބާރަ އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރާ ފަރާތްތަކަށްވެސް ވެކްސިން ސެންޓާތަކުން ވެކްސިން ދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު