ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން ވަކިކުރުމަށްޓަކައި އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފައި، އެ މަސައްކަތް އިތުރަށް ކުރިއަށް ނުގޮސް ހުއްޓިއްޖެއެވެ.
ޝަމީމާ މެދު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ ހިތްހަމަނުޖެހުން އިތުރުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ކުރިއަށްދާ ގޮތާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވަމުންދާ މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައެވެ. މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރައްވަނީ އެ މައްސަލަތައް ކުރިއަށްދާލެއް ލަސްވުމާއި ބޮޑެތި ޑުރަގް މައްސަލަތަކުގައި ތުހުމަތުވާ މީހުން ފަސޭހައިން ޝަރުއީ ނިޒާމުން ދޫވެގެންދާ މައްސަލައިގައެވެ.
މިދިޔަ ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް ޝަމީމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މެންބަރުންގެ އަގުލަބިއްޔަތު އެ މައްސަލައަށް ލިބުނު ނަމަވެސް ފަހުން އެ މައްސަލައާ ގުޅޭ އެއްވެސް މަސައްކަތެއް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ، ޝަމީމުގެ މައްސަލަ އެފަހުން ޕާލިމެންޓްރީ ގްރޫޕުގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކުރިން ނިންމި ނިންމުމަކީ ޝަމީމު ވަކިކުރުމުގެ މަރުހަލާ ފެށުމަށް މެންބަރަކު ހުށަހެޅުއްވުމުން އެހެން މެންބަރުންގެ ހިޔާލު ހޯދުމަށް ނިންމި ނިންމުމެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ޕީޖީ މަގާމުން ވަކިކުރަން ފާސްކުރި ނިންމުމެއް ނޫން ކަމަށެވެ. އަދި އެއީ އަބަދު ވެސް ޕާލިމަންޓްރީ ގްރޫޕުގައި އަމަލު ކުރަމުން އަންނަ އުސޫލު ކަމަށެވެ.
"ޕީޖީ ކަމުން ޝަމީމު ވަކިކުރާކަށް އަދި ހުށަހަޅާފައިނުވާނެ. އަޅުގަނޑުމެންގެ މެންބަރަކު ހުށަހަޅައިފައިވަނީ ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް ހިޔާލު ހޯދުމަށް. އެއީ އަބަދު ވެސް އަޅުގަނޑުމެން ކަންކުރަމުން އަންނަ އުސޫލު މެންބަރަކު ކަމެއް ހުށަހެޅީމަ. މިހާރު އަޅުގަނޑަށް ނޭނގެ އެކަމުގެ ތަފުސީލެއް. ފަހުން އެކަމުގެ ހަބަރެއް ނުވޭ އަޅުގަނޑަށް،" އަސްލަމް ވިދާޅުވިއެވެ.
ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުރަމުން އައި މަސައްކަތް ހުއްޓިފައިމިވަނީ، ނަޝީދު އެކަމާ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް މިދިޔަ ހޯމަ ދުވަހު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޝަމީމު މަގާމުން ވަކިކުރުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާ ކަމަށެވެ.
ނަޝީދު ވަނީ ޝަމީމު މަގާމުން ވަކިކުރުމަށް އެމްޑީޕީން ނެރޭ ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ދެއްވަން ތައްޔާރަށް ތިއްބެވީ ކޮން މެމްބަރުނެއްތޯ އައްސަވައިފައެވެ. އަދި ވިދާޅުވެފައިވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓުލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓު ކޮށްދެއްވުން އެދޭ ކަމަށެވެ.
ނަޝީދު އެދުނު ގޮތަށް ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށް 18 މެންބަރަކު ވަނީ ހާމަކުރައްވައިފައެވެ.