ޚަބަރު

ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް ބަދަލުކުރާނެ ތަނަކާ ބެހޭގޮތުން މަޝްވަރާކުރަނީ

މުހައްމަދު އިޝާން

ތިލަމާލެ ބުރިޖު އަޅާތީ ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް ބަދަލުކުރާނެ ތަނަކާ ބެހޭގޮތުން އަލުން މަޝްވަރާއަކަށް ދާން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ވިލިމާލޭގައި މީގެ ކުރިން ފައިބަރު މަސައްކަތް ކޮށްފައިވަނީ އެރަށު ދެކުނު ފަރާތުގައި ހުރި ފައިބަރު އުޅަނދު ބަންނަ ސަރަހައްދުގައެވެ. ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތްތަކަށް އެތަން ބޭނުންވާތީ ސިޓީ ކައުންސިލުން ވަނީ ފައިބަރު މަސައްކަތް އިރުމަތީ ފަރާތަށް ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލުކުރުމުން އާންމުންގެ ފަރާތުން ވަނީ ކައުންސިލަށް ޝަކުވާ ހުށަހަޅައި އިހުތިޖާޖު ކޮށްފައެވެ.

އެހެންވެ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް ޖަލްސާގައި ނިންމާފައިވަނީ، ވިލިމާލޭގައި ފައިބަރު މަސައްކަތްކުރަން ހަރުގެއެއް އެޅުމަށެވެ. ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ހަރުގެ ވެމްކޯ ސަރަހައްދުގައި ހެދުމަށެވެ. އެއީ ވެމްކޯ ސަރަހައްދަށް ފައިބަރު މަސައްކަތްކުރުން ބަދަލުކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީން ވެސް އެދިފައިވާތީއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވެމްކޯ ސަރަހައްދަށް ފައިބަރު މަސައްކަތް ކުރުން ބަދަލުކުރާނީ އަލުން ރައްޔިތުންނާއެކު މަޝްވަރާގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ކަމަށެވެ. އެ ބައްދަލުވުން ޖުލައި މަހުގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ވިލިމާލޭގައި އަދި ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް ފުރުސަތު ދީގެން، ފައިބަރު މަސައްކަތް ކުރާ ފަރާތްތަކުގެ ފަރާތުންވެސް ބައިވެރިވާ ގޮތަށް، އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށްވެސް ދައުވަތު ދީގެން އިންތިޒާމުކުރާ މަޝްވަރާ ބައްދަލުވުމެއް ބާއްވާނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ، މުއިއްޒު ވިދާޅުވީ، ފައިބަރު މަސައްކަތްކުރަން ތިލަފުށިން ބިމެއް ހަމަޖައްސައިދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދޭނެ ކަމަށެވެ.