ޚަބަރު

އެމްއެންޑީއެފް ޑޮކްޓަރަކު ކުލިނިކެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް

ރިފާ ހަލީލު

1

ލޮލުގެ ބަލިތަކަށް ފަރުވާދޭ މާލޭގެ މަޝްހޫރު ކުލިނިކެއްގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރަކު އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޑޮކްޓަރުގެ ފަރާތުން ޖިންސީ ގޯނާއާއި ފުރައްސާރަ ލިބުނު މުވައްޒަފަކު "ވަން" އަށް ބުނީ ޖިންސީ ގޯނާ ކުރީ އެ ކުލިނިކުގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ ޑޮކްޓަރަކު ކަމަށެވެ.

އޭނާ ބުނީ އައިނުގެ މުއްދަތު ހަމަވެ އައިނު އާ ކުރަން ލޯ ބަލަން އެއްދުވަހަކު ޑޮކްޓަރު ގާތު އެދުނު ކަމަށެވެ. އަދި އެދުވަހު ލޯ ޗެކް ކުރަން ކަމަށްބުނެ އޭނާގެ ކުރިމަތިފަރާތް ގަސްދުގައި ގައިގައި ޖެއްސި ކަމަށެވެ.

"އެދުވަހު ބުނީ އަސްލު ބައެއް ޕޭޝަންޓުން ވަރަށް އަންކޮމްފޮޓެބެލް ވެޔޯ މިހެން ލޯ ޗެކް ކުރާއިރު. އަސްލު އޭތި އިންނަނީ ލޮލުގެ ފާޑެއްގެ އެއްޗެއް ޗައްސާފަ އޭގެ އަނެއްކޮޅު ޑޮކްޓަރުގެ ލޮލުގަ ޖައްސާފަ އިންނަ އެއްޗަކުން ޗެކް ކުރަން. ދެން ފުރަތަމަ ހީކުރީ އޮޅިގެންނޭ. ދެން އެދުވަހު ބުނީ ބައެއް ފަހަރު ޕޭޝަންޓުން ގައިގަ ޖެހޭތީ ހިތްހަމަ ނުޖެހޭ. ސޮރީއޭ ކުރީބައިގަ ނުބުނެވުނީމަ. އެކަމަކު އޭގެ ފަހުން އެހެން ދުވަހެއްގަ ހަމަ ދުރަށް ޖެހިލީމަ ފުރަގަހުން ބުރަކަށީގަ އަތްއަޅާފަ ގަދަކަމުން ކިސްކުރަން ވެގެން އުޅުނީ." އޭނާ ކިޔައިދިނެވެ.

ޑޮކްޓަރު މީގެ ކުރިން މަސައްކަތްކުރި ކުލިނިކުތަކާއި އަދި އެ ކުލިނިކުގައިވެސް ބައެއް ކުދިން އޭނާއާއެކު ހިތުން ރުހުމުންވެސް ގުޅުން ހިންގަމުންދާ ކަމަށް އޭނާ ބުނިކަމަށް އެ މުވައްޒަފު ބުންޏެވެ. އަދި އޭނާއާއެކު އެހެން އުޅެން އެދުނު ކަމަށާއި ނަމަވެސް އެކަމަށް ދެކޮޅު ހެދުމުން އެކި ކަންކަމުގައި ކަމަށް ބުނެ ޑޮކްޓަރު ކޮޓަރިއަށް ވައްދައި ފުރަގަހުން ދެއަތުގައި ހިފަހައްޓައި ޖިންސީ ގޯނާ ކުރި ކަމަށް އޭނާ ބުންޏެވެ.

"އެ ޑޮކްޓަރު ބުނަނީ ތިމަންނަ މީ ވަރަށް ބާރު އޮންނަ މީހެކޭ. އެހެންކިޔާފަ ބިރުދައްކާނެ. އޭނަ ޗުއްޓީއަށް ދިއުމުގެ ކުރިން ބުނީ އަސްލު ވަރަށް ބޮޑަށް ސޮރީއޭ ގަދަކަމުން ކިސްކުރަން އުޅެވުނީމަ. ލައިފްގަ މާބޮޑަށް ސްޓްރެސް ވެފަ ހުރީމައޭ އެހެން ކަންތައް ކުރެވުނީ. ދެން ހީކުރީ އޭގެ ފަހުން ނުވާނެ ކަމަށް އެފަދަ ކަމެއް. އެހެން ހުއްޓާ ޗުއްޓީއަށްފަހު އައިސްވެސް ހަމަ ގޮވާލާނެ. ކޮންމެ ގޮތެއްވިޔަސް ނުގޮސް ނުއެއްވޭ. ދިޔައިމަ ހިފަހައްޓާފަ ގޯނާކޮށް ފުރައްސާރަ ކުރަނީ. ދެން އެ މައްސަލަ މެނޭޖުމަންޓަށް ހުށަހެޅީ." އޭނާ ބުންޏެވެ.

މެނޭޖުމަންޓުން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތަށް ނެގި ކަމަށާއި އަދި އެ ޑޮކްޓަރަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނި ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އެ ޑޮކްޓަރު އެތަނަށް ނުދާ ކަމަށް އެހެން މުވައްޒަފުން ބުނި ކަމަށް އޭނާ ބުންޏެވެ.

"މެނޭޖުމަންޓުން ބުނީ ހަމަޔަކަށް އެޅެންދެން އަޅުގަނޑު ގޭގަ މަޑުކޮށްލާށޭ. އެދުވަސްތަކަށް މުސާރައިންވެސް ނުކަނޑާނަމޭ. މިކޮޅަށް އެޅޭނެ ފިޔަވަޅަކީ މިތާނގެ ވަޒީފާއިން އޭނަ ވަކިކުރުމޭ. އެކަމަކު އެކޮޅުން އޭނަ ވަކިކުރިކަމެއް ނޭނގެ. އެތާ އުޅޭ ކުއްޖެއް ބުނި އެ ޑޮކްޓަރުގެ ހުރި ޓޫލް އަކާއި ހުރިހާ އެއްޗެއް ހިފައިގެން ހިނގައްޖެއޭ. މިހާރަކު ނާދެއޭ ޑިއުޓީއަކަށް." އޭނާ ބުންޏެވެ.

ވަޒީފާގެ މާހައުލުގައި ދިމާވި ކަންކަމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައި ކަމަށާއި އިންސާފު ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން "ވަން" އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިސަރުގެ ފޯނަށް ގުޅުމުން ޖަވާބުދީފައި ނުވާތީ މެސެޖުކުރުމުން ބަލައިލައިފައި ހަބަރެއް ވާނެ ކަމަށްބުނެ ވަނީ ރިޕްލައި ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ތުހުމަތުވާ ޑޮކްޓަރަށް "ވަން" އިން ގުޅުމުން ވިދާޅުވީ ކިޔާއެއްޗެއް ސާފު ނުވާ ކަމަށާއި ތަކުރާރުކޮށް ސުވާލު ކުރުމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ހަމަ އެގޮތަށް ވިދާޅުވެ ފޯނު ކަނޑާލީއެވެ. އަލުން ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން މެސެޖު ކުރުމުން ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަނީ ކޮން މަގުސަދެއް ހާސިލު ކުރަން ކަމެއް ނޭނގޭ ކަމަށެވެ.

މި ހާދިސާ ހިނގި ކަމަށް ބުނާ ކުލިނިކަށް ގުޅުމުން އެތަނުން ފޯނު ނެގި މީހާ ބުނީ މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ މެނޭޖުމަންޓާއި ވާހަކަ ދައްކާފައި ކަމަށެވެ. މިއީ ހިނގި ކަމެއްތޯ "ވަން" އިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޖަވާބެއްދީފައެއް ނުވެއެވެ. އަދި މިކަން ދޮގޮކޮށްފައެއްވެސް ނުވެއެވެ.

މެނޭޖުމެންޓުގެ އިސްމީހެއްގެ ނަންބަރު ހޯދަން ތަކުރާރުކޮށް އެދުމުންވެސް ނަންބަރު ދީފައެއް ނުވެއެވެ.