ޚަބަރު

ފެމެލީ ކޯޓުގެ އިސްގާޒީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފި

އިބްރާހިމް ޒަކީ

ފެމެލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ހ.ސޭންޑީ ބީޗް/ ހުޒައިފަ މުހައްމަދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް، އިންޓަވިއު ކުރުމަށްފަހު، ހުޒައިފާ އެ މަގާމަށް އައްޔަންކުރުމަށް "ހައިލީ ރިކޮމެންޑެޑް"ކަމަށް ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން އެ ކޮމިޝަނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދު ބޭއްވި އެ ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ހުޒައިފާއަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހުޒައިފާ މިހާރު ފެމެލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ހުޒައިފާއަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައި ވަނީ މިމަހު 27 ވާ ހޯމަ ދުވަހުއެވެ.