ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އެކުލެވިގެންވަނީ ސަރަހައްދީ ހަ ކޮންފެޑެރޭޝަނެއްގެ މައްޗަށެވެ. މިތަނުން ގައުމުތަކުގެ އަދަދަށް ބަލައިފައި އެންމެ ކުޑަ ކޮންފެޑެރޭޝަނަކީ ދެކުނު އެމެރިކާގެ ޖަމިއްޔާއެވެ. އެ ޖަމިއްޔާގައި ހިމެނެނީ އެންމެ ދިހަ ގައުމެވެ. އެހެންވީމާ އެހެން ސަރަހައްދުތަކާ ޚިލާފަށް ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގައި ތަފާތު ގްރޫޕްތަކެއް ނުހުރެއެވެ. އެންމެން އެންމެނަށް ކުޅެނީ ލީގު އުސޫލުން ހޯމް އެންޑް އަވޭ މެޗުތަކެކެވެ. މި ލީގު ނިމޭއިރު އެންމެ މަތީގައި އޮންނަ ހަތަރު ޓީމު ވޯލްޑްކަޕަށް ކޮލިފައިވެއެވެ. އެގޮތުން މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުންވެސް ދެކުނު އެމެރިކާގެ ހަތަރު ޓީމެއް ފެނިގެންދާނެއެވެ. މީގެ ތެރެއިން ތިން ޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަކެވެ. ވޯލްޑްކަޕް ވެސް އެއްފަހަރަށްވުރެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމުތަކެވެ.
ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ބްރެޒިލްއާއި އާޖެންޓީނާ އަދި އުރުގުއާއީގެ ސަބަބުން ނޫންނަމަ ވޯލްޑްކަޕް އޮންނާނީ ހަމައެކަނި ޔޫރަޕުގެ އެއްޗެއްގެ ގޮތުގައެވެ. މުޅީންވެސް ޑޮމިނޭޓްކުރާނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެކަން އެހެންނުވެ އޮންނަނީ މި ތިން ގައުމުގެ ސަބަބުންނެވެ. ޔޫރަޕާއި ދެކުނު އެމެރިކާޔާ ދެމެދު އޮންނަ ވާދަވެރިކަމުގެ ސިއްރަކީވެސް މި ތިންގައުމެވެ. މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕުން މި ތިން ގައުމުވެސް ފެނިގެންދާނެއެވެ. ދެކުނު އެމެރިކާޔާއި ޔޫރަޕަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމުގައިވިޔަސް ބްރެޒިލް އާއި އާޖެންޓީނާ އަދި އުރުގުއާއީގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފެންނަނީ ޔޫރަޕުގެ އެކި ކުލަބްތަކުންނެވެ. އާޖެންޓީނާގެ މެސީއާއި ޑިމަރިއާއެވެ. ބްރެޒިލްގެ ނޭމާއާއި އެލިސަން ބެކަރ ފަދަ ކުޅުންތެރިންނެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އާޖެންޓީނާގެ ޓީމު މަޝްހޫރުވެފައި އޮންނަނީ ލަ އަލްބިސެލެސްޓޭގެ ނަމުންނެވެ. މިއީ ޖާރޒީގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. މާނަޔަކީ ހުދާއި މަޑުނުލެވެ. އާޖެންޓީނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބާރެކެވެ. ވޯލްޑްކަޕްގެ ޗެމްޕިއަންކަން މިހާތަނަށް ދެފަހަރު ހޯދާފައިވާއިރު ތިންފަހަރެއްގައި ފައިނަލުން ބަލިވެފައިވެއެވެ. އާޖެންޓީނާގެ ރަން ޒަމާނަކީ ފުޓްބޯޅައިގެ ރަސްކަން ޑިއޭގޯ މަރަޑޯނާ ކުރި ޒަމާނެވެ. ކޮންމެއަކަސް ގަތަރު ވޯލްޑްކަޕަށް އާޖެންޓީނާ އަންނަނީ މުބާރާތް ކާމިޔާބުކުރުން އެންމެ ގާތްކަމަށް އެންމެ ގިނަބަޔަކު ދެކޭ ޓީމުގެ ގޮތުގައެވެ. އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމުގެ ގޮތުގައެވެ. ޓީމުގެ ކެޕްޓަނަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާނޭ ލިއޯ މެސީއެވެ. އެއީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެންމެ ގިނަބަޔަކު ދެކޭ ކުޅުންތެރިޔާއެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ނިސްބަތްކޮށްފައި އެކި ދުވަސްވަރު އެކި ނަން ކިޔައެވެ. އެހެންނަމަވެސް ހުރިހާ ޒަމާނެއްގައިވެސް އެންމެ ގިނަބަޔަކު ދަންނަ ނަމަކީ ސެލެސާއޯއެވެ. ޕޯޗުގީޒް ބަހުން އޭގެ މާނަޔަކީ ސްކޮޑެވެ. ޓީމެވެ. މިހާތަނަށް ކޮންމެ ވޯލްޑްކަޕެއްގައި ކުޅެފައިވާ ހަމައެކަނި ޓީމަކީ ބްރެޒިލްއެވެ. ޖުމްލަ ފަސްފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެއީ ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް އަދި ކިތަންމެ މޮޅަސް ވަރަށް ދެރަވަރު ނަތީޖާތަކާވެސް ކުރިމަތިލާން ޖެހެއެވެ. އެއްފަހަރަކު ހަޔެެއް ސުމަކުން އުރުގުއާއީއަތުން ބަލިވިއެވެ. ދާދިފަހަކުން 2014 ވަނަ އަހަރު ހަތެއް އެކަކުން ޖަރުމަނީ އަތުންވެސް ބަލިވިއެވެ. ބްރެޒިލްއަކީ ފީފާގެ ރޭންކިންގައި މިވަގުތުވެސް އެއްވަނައިގައިވާ ޓީމެވެ. ޓީމުގެ އެންމެ ވަރުގަދަ ތަރިޔަކީ މިވަގުތު ނޭމާރއެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އުރުގުއާއީ މަޝްހޫރުވެފައި އޮންނަނީ ލަ ސެލެސްޓޭގެ ނަމުންނެވެ. އެއީ މަޑުނޫކުލައިގެ ޖާރޒީ ލައިއުޅޭތީ ކިޔާ ނަމެކެވެ. އުރުގުއާއީއަކީ ވޯލްޑްކަޕްގެ ތަށި ދެފަހަރު އުފުލާފައިވާ ޓީމެކެވެ. އެހެންނަމަވެސް އެއީ ވޯލްޑްކަޕުގެ އެންމެ ކުރީ ދުވަސްވަރުގައެވެ. އުރުގުއާއީގެ އާބާދީއަކީ ގާތްގަޑަކަށް ތިން މިލިޔަނެވެ. އެހެންނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެއީ ބިޔަ ބޮޑު ބާރެކެވެ. މިވަގުތު ދުނިޔޭގެ ރޭންކިންގައި އުރުގުއާއީގެ ވަނަޔަކީ ތޭރައެވެ. ޓީމުގައި އަދިވެސް ލުއިސް ސުއަރެޒް އެބަހިމެނެއެވެ. ގައުމީ ޓީމުގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީވެސް އޭނާއެވެ. އުރުގުއާއީއަށް އެންމެ ތަފާތުބޮޑު މޮޅެއް ހޯދުނީ ބޮލީވިއާ އަތުންނެވެ. އެއީ ނުވައެއް ސުމެއްގެ ނަތީޖާއެކެވެ. އެންމެ ބޮޑު ބަލިވުމަކީ އާޖެންޓީނާ އަތުން ހަޔެއް ސުމަކުން ބަލިވި ބަލިވުމެކެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިކުއެޑޯރ މަޝްހޫރުވެފައި އޮންނަނީ ލަ ޓްރީގެ ނަމުންމެވެ. މިއީ ގައުމީ ޖޯޒީގެ ތިން ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ. ފީފާ ރޭންކިންގައި އިކުއެޑޯރުގެ ވަނަޔަކީ މިވަގުތު ބާރަ ވަނައެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އިކުއެޑޯރުގެ ހަތަރުވަނަ ވޯލްޑްކަޕެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ވޯލްޑްކަޕާއި އެންމެ ބީރައްޓެހި ގައުމުތަކުގެ ތެރޭގައި އިކުއެޑޯރ ހިމެނެއެވެ. މިފަހަރު ދެކުނު އެމެރިކާގެ ހަތަރުވަނަ ޓީމުގެ ގޮތުގައި އިކުއެޑޯރ ކޮލިފައިވިޔަސް މިއަހަރުގެ ޖޫންމަސް ފެށުމާ ހަމަޔަށްވެސް އިކުއެޑޯރަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައި އޮތެވެ. އެއީ އިކުއެޑޯރުގެ ޓީމުގައި ހިމެނެން ނުޖެހޭ ކުޅުންތެރިޔަކު ލައްވައި ކުޅުވާފައިވާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފީފާއިން ތަހުގީގުކުރަމުން ދިޔުމުގެ ސަބަބުންނެވެ.