ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ޝެއިހު އާދަމް ނިޝާން އާއި ޝެއިހު ފަޒްލޫން މުހައްމަދުގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓައިފިއެވެ.
އެ މައްސަލައިގައި ޝެއިހު ނިޝާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ރެހެންދި ފުލެޓް ކައިރިންނެވެ. އަދި ފަޒްލޫންވެސް ހައްޔަރުކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ހުއްދަ ބާތިލް ކުރީ ގަލޮޅު ރަސްމީ ދަނޑުގައި ހިންގުނު ހަރަކާތައް އަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ދައުލަތުގެ މުއްދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވާތީ ކަމަށެވެ.
އެ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ފަރާތްތަކުގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށް، އެފަރާތްތަކުގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރްގެ ސީޣާއިން މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތުމުން، ފަޒްލޫންއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ދެ އިލްމުވެރިންގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ހުއްދަ ބާތިލް ކުރަން ނިންމީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ދެ މީހުންގެ އިތުރުން ވެސް މިއަދު ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ޕީޕީއެމް ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލެވެ. ހަމަނުޖެހުން ހިންގި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް މުހައްމަދު އިސްމާއީލު ހަވާލުކުރާ ފޮޓޯތަކެއް ވަނީ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ދެން ހައްޔަރުކުރީ މުހައްމަދު ރައްޒާންއެވެ. ރައްޒާންއަކީ ޕީޕީއެމްގެ އެކްޓިވިސްޓެކެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިއްޔެ ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު 60 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކުރިއިރު އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން އިއްޔެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، މައްސަލައިގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ.