ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖަހަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ކޮވިޑް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރު ވަނަ ޑޯޒް ޖެހުމަށް ނިންމައިފައިވާ ކަމަށެވެ.
ހަތަރު ވަނަ ޑޯޒް ޖަހާނީ ކޮވިޑްގެ ފުރަތަމަ ބޫސްޓާ (3 ވަނަ ޑޯޒް) ޖެހި ފަހުން ހަތަރު މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، މިވަގުތު ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ 65 އަހަރު ވެފައިވާ މީހުންނާއި 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށެވެ.
- 65 އަހަރުންމަތީގެ މީހުން
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެ
- މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން
- ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް ބޭނުންކުރުން
- ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
- ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން
- އިސްކޮޅާ އަޅައި ބަލާއިރު ބަރުދަން މަތި މީހުން
- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުން
- ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން
- ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް
- އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް
އެޗްޕީއޭއިން ބުނީ، މާދަމާއިން ފެށިގެން ހަތަރު ވަނަ ޑޯޒު ޖަހަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ބާރަ އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރާ ފަރާތްތަކަށްވެސް ވެކްސިން ސެންޓާތަކުން ވެކްސިން ދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު