ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ ހަމަނުޖެހުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"ވަން" އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ ތެރެއިން އެކަކީ މުހައްމަދު އިސްމާއިލުއެވެ. ހަމަނުޖެހުން ހިންގި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް މުހައްމަދު އިސްމާއީލު ހަވާލުކުރާ ފޮޓޯޓަކެއް ވަނީ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުން މުހައްމަދު ރައްޒާނާއި ޝެއިހް ފަޒްލޫން މުހައްމަދުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިއްޔެ ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު 60 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކުރިއިރު އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

  • މި މައްސަލައާ ގުޅިގެން ފުުލުހުން އިއްޔެ ހައްޔަރުކޮށްފައި ވަނީ:
  • ކ. ތުލުސްދޫ/ ވީނަސް، މުހައްމަދު ނަދީމް (43އ)
  • މއ. ކަނުހުރާ/ މުހައްމަދު ޒިލްޔަން (37އ)
  • ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
  • ތ. މަޑިފުށި/ ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)
  • ހއ. ތުރާކުނު/ ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
  • ގދ. ރަތަފަންދޫ/ ލިލީޕާކް، އަމީން އަހުމަދު (35އ)

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހުމަދު ކަމަށެވެ. މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްގެ މައްޗަށް ޖެހީ ފަސް ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން އިއްޔެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، މައްސަލައިގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ.