ފްލޯޓިން ސިޓީގެ މަސައްކަތް ދިވެހި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ރައިސް ނަޝީދު ފޮނުއްވި މެސެެޖެެއްގައި ވިދާޅުވީ، ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވީ އެކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ވޯޓެއް ނަގައިގެން ކަމަށެވެ. މަޝްރޫއު ހުއްޓުވަން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވޯޓު ދެއްވި ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެ މަޝްރޫއު ސަރުކާރުން ހުއްޓުވީ އެމަނިކުފާނުގެ ނަން އެ މަޝްރޫއުގައި ހިމެނޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވައިފައިވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެ މަޝްރޫއުގެ ދަށުން 5000 ފްލޯޓިންގެ އަޅަން މިހާރު ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަން ކުންފުންޏާ ހަވާލުކޮށްފައެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލުވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވައިލައިފައެވެ.
ފްލޯޓިން ސިޓީ އެޅުމަށް ނިންމާފައިވަނީ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ. އެ ފަޅު މިހާރު ވަނީ ޑަޗް ޑޮކްލޭންޑަށް ދީފައެވެ.
ފެން މަތީގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ މި ފްލޯޓިން ސިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.
ފްލޯޓިން ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި ސްކޫލާއި ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު