ޚަބަރު

ރާއްޖެ ފެހިކޮށްލުމަށް ކޮންމެ އަހަރަކު 50،000 ގަސް އިންދާ ޕްރޮޖެކްޓެއް ބީއެމްއެލުން އިފްތިތާހުކޮށްފި

އަލީ ޔާމިން

ރާއްޖެ ފެހިކޮށްލުމަށް 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އިފްތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު، 50،000 ގަސް އިންދުމުގެ މަގުސަދުގައި ބީއެމްއެލުން ފެށި ޕްރޮޖެކްޓެކެވެ. ފަސް އަހަރުގެ މުއްދަތަށް މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖައްސާފައިވާއިރު، މި ޕްރޮޖެކްޓަކީ އަންނަ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖައްސާފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖައްސާފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބީއެމްއެލުން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެއެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށް ކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ ޒިންމާއެއް ކަމަށެވެ.

"ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ. ރަށު ކައުންސަލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަރު ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ހުޅުވާލައިފައިވާއިރު އެޕްލިކޭޝަން ފޯމު އަންނަ މަހުގެ 20ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ފިނުވަން ޖެހޭނެއެވެ.

އެޕްލިކޭޝަނާއި މި ޕްރޮޖެކްޓްގެ ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv/bml-fehi-project އިން ލިބޭނެއެވެ.