ޚަބަރު

ޝަރުއީ ދާއިރާއަށް ގެންނަ ބޮޑު ބަދަލެއްގެ ގޮތުން ޑިސްޓްރިކްޓް ކޯޓުތައް އުފައްދަން ހުށަހަޅައި ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ އެކި ސަރަހައްދުތައް ޖުޑީޝަލް ޑިސްޓްރިކްޓުތަކަކަށް ބަހާލުމަށްޓަކައި އެކި ސަރަހައްދުތަކުގައި ހާއްސަ ޑިސްޓްރިކްޓް ކޯޓުތަކެއް އުފައްދަން ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުން ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހެއްގެ ގޮތުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، މިއީ ރާއްޖޭގައި ގާއިމުވެފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަދުލު އިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ގާނޫނުން ކަނޑައެޅޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކުރުމަށާއި މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަންކުރާ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި ކޯޓުތައް ހިނގުމާ ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށެވެ.

މި އިސްލާހުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށެވެ. އަދި އެ މަޖިލީހުން ބަލައި ކޮންމެ މައްސަލައެއްގައި އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ހުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓުގައި ރަޖިސްޓްރާ ނެތް ހާލަތުގައި ކަންތައް ކުރަން އޮންނަ ގޮތަށް ބަދަލު ގެނައުމަށާއި ރަޖިސްޓްރާގެ ނިންމުން އަލުން ބަލަން އެދި ހުށަހެޅުމުގެ އިހުތިޔާރު މިހާރު އޮންނަ ގޮތް ބަދަލު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ. އަދި ހައިކޯޓަށް ބަލައި ގަންނަ މައްސަލަތަކުގެ ލިޔުންތައް ދިނުމަށް ދަށު ކޯޓުގައި އެދުމުން އެ ލިޔުންތައް ހައިކޯޓަށް ފޮނުވުމަށް ހުރި މުއްދަތުތަކަށް ބަދަލު ގެންނަންވެސް ހިމަނާފައިވެއެވެ.

ސުޕީރިއާ ކޯޓުތަކުގެ އެކި ޑިވިޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެއްދިދާނެ ކަމަށް އޮތް މާއްދާ އުނިކުރަން މި އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ސުޕީރިއާ ކޯޓުތައް އެކުލެވިގެންވަނީ މާލޭގެ ހަތަރު ސުޕީރިއާ ކޯޓާއި މި ބިލުން އުފެދިގެންދާ ޑިސްޓްރިކްޓް ކޯޓުގެ މައްޗަށް ކަމަށާއި ޑިސްޓްރިކްޓް ކޯޓުތައް ގާއިމުކުރާނެ ގޮތާއި އެ ކޯޓުގެ އިހުތިސާސްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން މި އިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ތިން ޖުޑީޝަލް ޑިސްޓްރިކްޓް އުފެދިގެންދާނެ ކަމަށާއި އެއީ މާލޭ ޑިސްޓްރިކްޓާއި ކުޅުދުއްފުށީ ޑިސްޓްރިކްޓާއި އައްޑޫ ޑިސްތްރިކްޓް ކަމަށް ކަނޑައެޅިގެންދާނެއެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރާނެ ގޮތް ބަޔާންކޮށް ގާނޫނަށް މާއްދާއެއް އިތުރުކުރުމަށް އެ އިސްލާހުގައި ވަނީ ހިމަނައިފައެވެ. އަދި ސުޕީރިއާ ކޯޓުތަކުން ބަލައި މައްސަލަތައް އިތުރަށް ބަލަން ވެއްޖެ ނަމަ އަމަލުކުރަންޖެހޭ ގޮތްވެސް ބަޔާންކޮށްފައިވެއެވެ.