ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ހުއްޓުވުމުގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތާމެދު ކަންބޮޑުވާ ކަމަށް ކޮމިޝަނާރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިިއްޔެގެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން އަމަލުކުރި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ބެލުމަށް ފުލުހުންގެ އިންޓާނަލް ރިވިއުއެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ކަމާބެހޭ އިދާރާތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެންމެ ފުރިހަމައަށް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެ ހަމަނުޖެހުން ހިންގި ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއާއެކު ފުލުހުންގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާނެ ކަމަށެވެ.
އިއްޔެގެ ޔޯގާ ހަރަކާތުގައި ގިނަ އަދަދެއްގެ ޑިޕްލޮމެޓުންވެސް ބައިވެރިވި އިރު, ފުލުހުންގެ ސަފުތައް ފޫއަޅުވާލައި އެ ހަރަކާތުގެ ތެރެއަށް ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާ އިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު