ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން އިއުލާނުކޮށްފިއެވެ.
ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާވާ ގޮތަށް ހޮންކޮންގްގެ ބިޔަ ހޮސްޕިޓާލިޓީ ވިޔަފާރި، ޝަންގްރިއްލާއާ ގުޅިގެން 2005 ގައި ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ 70 ޕަސެންޓު ހިއްސާ ކުރާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ސީބީއާރުއީ ގްރޫޕްއާއެވެ.
ސީބީއާރުއީއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ރިއަލް އެސްޓޭޓް އަދި އިންވެސްޓްމަންޓް ކުންފުންޏެވެ. މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ސީބީއާރުއީން ވަނީ ޝަންގްރިއްލާ ރިސޯޓް ގަންނަން ބޭނުންވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކޮވިޑް-19 ފެނުނު ހިސާބުން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ސީބީއާރު ގްރޫޕުން ކުރި އިއުލާނުގައި ހިމަނާފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއްވެސް ކުއްޔަށް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ކޮންރަށެއްކަން އެ އިއުލުނާގައި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެ ފަޅު ރަށުގައި ޕްރައިވެޓް އައިލެންޑެއް ތަރައްގީ ކުރެވޭނެ ކަމަށާއި އިތުރަށް ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއްވެސް އެ ރިސޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އިއުލާނުގައި އިތުރަށް ބުނީ އެ ރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވެސް ގަންނަ ފަރާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އޯވާ ވޯޓާ ވިލާތަކާއި ޓްރީހައުސް ވިލާތަކާއި އަދި ބީޗް ވިލާތަކުގެ އިތުރުން ގޯލްފް ކޯސްއެއް އޮންނަ އެ ރިސޯޓަކީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ހިމަނައިގެން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. މިއީ ދިވެހި ސަރުކާރާ އަމިއްލަ ވިޔަފާރިއަކާ ގުޅިގެން ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓެވެ.
އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެ ރިސޯޓު ވިއްކާލަން މަސައްކަތްކުރަމުން އަންނައިރު ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އެ ކުންފުންޏަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ހިއްސާ ބަދަލުކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުށަހަޅައިފައެވެ. އެ އިސްލާހުގެ ތެރޭގައި ސަރުކާރުގެ ހިއްސާ އަގުކުރަން މިހާރު ބޭނުންކުރަންޖެހޭ ފޯމިއުލާ މުރާޖައާކުރަން ހުށަހަޅާފައިވެއެވެ.
ސަރުކާރުގެ ހިއްސާ ދޫކޮށްލަން މަސައްކަތް ކުރަނީ ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރަންދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭތީ ކަމަށް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެގޮތުން ލޯނު ފައިނޭންސިން ގޮތުގައި 68 މިލިޔަން ޑޮލަރު މިހާރުވެސް ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހިފައިވާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު