ވޮލީ ބޯލް

ސީދާ ތިން ސެޓުން ސިފައިން ބަލިކޮށް، ވެމްކޯ ފައިނަލަށް

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފް މެޗުގައި ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ވެމްކޯ ކުޅެން ޖެހޭނީ ލީގު ބުރުގެ އެއްވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. ރޭ ސިފައިންނާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-18، 25-22 އަދި 25-22 އިންނެވެ.

އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯގެ އިންޑިއާ ސެންޓަ ބްލޮކަރު އަޝްވަލް ރާއީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު، އޭނާގެ އިތުރުން އިންޑިއާ ސެޓަރު ރަންޖިތު ސިންހްގެ މޮޅު ޑިސްޓްރިބިއުޝަން ފާހަގަކޮށްލެވުނެވެ. ބިދޭސީ ދެ ކުޅުންތެރިންނާއެކު ކުޅޭ ވެމްކޯއަށް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒްވެސް ތަފާތު ދެއްކިއެވެ.

މިއީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ވޮލީ މުބާރާތެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާ ލޯގޯއެއްވެސް އިފުތިތާހުކޮށް، ޕްލޭޔާ ޑްރާފްޓެއްވެސް ބޭއްވިއެވެ. އިންޑިއާގެ ޕްރައިމް ވޮލީ ލީގުގައި ކުޅޭ މޮޅު 18 ކުޅުންތެރިންނާއެކު ބިދޭސީ ކުޅުންތެރިންގެ ޑްރާފްޓެއް ވީއޭއެމްއިން މުބާރާތުގެ ކުރިން ބޭއްވި އިރު، ކޮންމެ ޓީމަކުން ބިދޭސީ ވަރުގަދަ ތިން ކުޅުންތެރިން ފެނިގެން ދެއެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ވެމްކޯ އާއި ސިޓީ ބައްދަލުކުރާ މެޗު މާދަމާ ރޭ ފަށާނީ 20:15 ގައެވެ.