ޚަބަރު

ސްޓެލްކޯއިން ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

ސްޓެލްކޯއިން ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ފެންވަޅު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އިސްލާމީ ސަގާފަތާ ގުޅިފައިވާ އެންމެ ތާރީހީ އަދި އެންމެ މުހިއްމު އެއް ބިނާ ކަމުގައިވާ މާލޭ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ފެންވަޅުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން މުންނާރާއި ފެންވަޅުތަކުގެ އާބާތުރަ ފިލުވައިފައެވެ. ސްޓެލްކޯއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނިން މުންނާރާއި ފެންވަޅުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހުކުރު މިސްކިތުގެ މުންނާރާއި ހަރިންމައިގެ ތެރޭ ހުންނަ ވަޅުތައް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

ހެރިޓޭޖް މިނިސްޓްރީން ވަނީ މިދިޔަ ތިން އަހަރުވެސް ސްޓެކްލޯ އިން އެ މަސައްކަތް ކޮށްދީފައިވާކަން ފާހަގަކޮށް ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ސްޓެކްލޯގެ ދައުރަށް ޝުކުރުއަދާ ކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކުންފުނިތަކުގެ ދައުރު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.