ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މީހުންގެ މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ހަރަކާތުގައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކެބިނެޓްގެ މިނިސްޓަރުން ގޮވާލައްވާފައިވާ ކަމަށެވެ. އެގޮތަށް ގޮވާލައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ސަބް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީގައި ހަތް މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
- އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
- ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
- އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
- ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
- ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
- ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެކަމުގައި ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތްތަކާއި ޖަމިއްޔަތުލް ސަލަފުގެ ބައިވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ސަލަފުން ވަނީ އެކަން ދޮގުކޮށް، އެ ހަމަނުޖެހުމުގައި އެ ޖަމިއްޔާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.
ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާއިރު، ހަމަނުޖެހުން ހިންގުމުގައި ބޭނުންކުރި ބައެއް އާލާތްތަށް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕީޕީއެމުން އެކަން ދޮގުކޮށް ބުނީ، އެ ހަމަނުޖެހުގައި ޕީޕީއެމުން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެ ހަމަނުޖެހުން ހިންގާފައިވަނީ އެކަމަށް ފުރުސަތު ދިނުމުން ކަމަށާއި ތަހުގީގާ ގުޅިގެން ފުލުހުންނަށާއި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށާއި އެ ތަހުގީގު އަވަހަށް ނިންމުމަކީ އެކޯލިޝަނުންވެސް އެދޭ ގޮތް ކަމަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ޕީޕީއެމަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު