ޚަބަރު

ހަމަނުޖެހުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ، ތަހުގީގު އަވަސް ކުރަންޖެހޭ: އިދިކޮޅު

އަލީ ޔާމިން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިނުން ކުށްވެރިކުރާ ކަމަށާއި އެކަމަކީ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކުރި ހަރަކާތެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެކަމުގައި ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތްތަކާއި ޖަމިއްޔަތުލް ސަލަފުގެ ބައިވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ސަލަފުން ވަނީ އެކަން ދޮގުކޮށް، އެ ހަމަނުޖެހުމުގައި އެ ޖަމިއްޔާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.

ހަމަނުޖެހުން ހިންގުމުގައި ޕީޕީއެމްގެ ބައިިވެރިވުން އޮތް ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ހަމަނުޖެހުގައި ޕީޕީއެމުން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށެވެ.

"މިއީ ޕީޕީއެމާއި ޕީޕީއެމްގެ ރައީސްގެ އަގު ވައްޓާލުމަށް ސަރުކާރުން ރާވައިގެން ހިންގާފައިވާ ހަރާތެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަދުރޭ ވިދާޅުވިއެވެ.

އެ ހަމަނުޖެހުން ހިންގާފައިވަނީ އެކަމަށް ފުރުސަތު ދިނުމުން ކަމަށާއި އެ ހަމަނުޖެހުން ހިންގުމުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ފަހަރެއްގައި އަދާލަތު ޕާޓީން ޔޯގާއާ ދެކޮޅުވީމާ އިމްރާނަށް ޕްރެޝަރުކޮށްގެން ކުރުވި ކަމަކަށް ވެދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޔޯގާ ހަމަނުޖެހުމުގެ ތަހުގީގާ ގުޅިގެން ފުލުހުންނަށާއި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށާއި އެ ތަހުގީގު އަވަހަށް ނިންމުމަކީ އެކޯލިޝަނުންވެސް އެދޭ ގޮތް ކަމަށެވެ.

ހަމަނުޖެހުން ހިންގުމުގައި ޕީޕީއެމުން ބައިވެރިނުވާ ކަމަށް އަދުރޭ ވިދާޅުވި އިރު، މިއަދު ފަތިހު ޕީޕީއެމްގެ އޮފީހުން ދިދަތައް ގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހަރަކާތްތެރިވާ ތަން ފެނެއެވެ.