ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެކަމުގައި ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތްތަކާއި ޖަމިއްޔަތުލް ސަލަފުގެ ބައިވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ސަލަފުން ވަނީ އެކަން ދޮގުކޮށް، އެ ހަމަނުޖެހުމުގައި އެ ޖަމިއްޔާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން ޕީޕީއެމުން ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، އެ ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތައް ނެރުނީ ޕީޕީއެމްގެ އޮފީހުންކަން އެނގިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، "ވަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއަކުން ބައިވެރިވިކަމަށް ފުލުހުންގެ ފަރާތުން އެ ކޮމިޝަނަށް އަންގައިފިނަމަ އެ ޕާޓީއަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"އީސީން އަމިއްލައަށް މިފަދަ މައްސަލަތައް ބަލައި ފިޔަވަޅެއް ނާޅާނެ. ނަމަވެސް ޕޮލިހުން އަޅުގަނޑުމެންނަށް އެގޮތަށް އަންގައި މިކަމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ އެކަމުގައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" ހަބީބު ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު އެ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.