ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އެސްޖީ ޑރ. މަރިޔަމް ޝަހްނީޒާ ނަސީރުއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް، ސީއެސްސީގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ޝަހްނީޒާގެ މައްސަލަތަކެއް ފާހަގަކޮށް، އެ ކޮމިޝަންގެ ރައީސަށް މިމަހު ފަސް ވަނަ ދުވަހު މުވައްޒަފުންތަކެއް ސިޓީއެއްް ފޮނުވާފައިވާ އިރު، ހަމަ އެ ސިޓީ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވެސް ފޮނުވައިފައެވެ.

އެ ސިޓީގައި ސީއެސްސީގެ ނާއިބު ރައީސް އިބްރާހިމް ރަޝީދާއި މެމްބަރު ފާތިމަތު އާމިރާއާ ގުޅޭ މައްސަލަތަކެއްވެސް ފާހަގަކޮށްފައިވެއެވެ.

އެ ސިޓީގައި ސީއެސްސީގެ މުވައްޒަފުން ބުނެފައިވަނީ ކޮމިޝަންގެ އިދާރީ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން އަދި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ދެމެދުގައިވާ ފާލަމުގެ ހައިސިއްޔަތުން ޝަހްނީޒާ ކިބައިން މުވައްޒަފުން ދެކެން ބޭނުންވާ ލީޑާޝިޕް އަދި ހިންގުމުގެ ހުނަރު އެއްވެސް ވަރަކަށް އޭނާގެ ކިބައިން ނުފެންނަ ކަމަށެވެ.

އެގޮތުން ބައްދަލުވުންތަކުގައި ޝަހްނީޒާ ކުރިމަތީގައި ކޮމިޝަންގެ ނުފޫޒުގަދަ މެމްބަރުން މުވައްޒަފުންނާ މުހާތަބުކުރަން އެކަށީގެންނުވާ ފަދަ ހުތުރު ބަހުރުވައިން ކޮމިޝަންގެ އެތައް މުވައްޒަފުންނަށް ބުލީކޮށް ހަދާ ކަމަށާއި ނަމަވެސް ޝަހްނީޒާ ދުވަހަކުވެސް އެކަން ހުއްޓުވައި، މުވައްޒަފުންގެ ދިފާއުގައިވެސް ވާހަކަ ދައްކަވާފައިނުވާ ކަމަށް ބުންޏެވެ.

ޝަހްނީޒާއާއި ކޮމިޝަންގެ މުވައްޒަފުންނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި ހެނދުނު އޮފީހަށް އަންނަ ގޮތަށް އޮފީސް ނިމެންދެން ޝަހްނީޒާ ހުންނަނީ ޑެއިލީ ބްރީފިން ބައްދަލުވުމުގެ ނަމުގައި ވިލު ރޫމް ތެރޭގައި ފިލައިގެން މެމްބަރުންނާއެކު ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެސްޖީ ލެވެލްގައި ނިންމަން ހުންނަ ކަންތައްތަކުގައި ގޮތެއް ނިންމަން ޝަހްނީޒާއަށް ނުކެރުމުގެ ސަބަބުން ކޮމިޝަންގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

ކޮމިޝަންގެ އެތެރޭގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ނުދަނީސް ޝަހްނީޒާގެ މައްސަލައިގައި އަވަސް ހައްލެއް ހޯދައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެ މައްސަލަތަކަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ސީއެސްސީއާއި އެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތެއް ކަމަށެވެ.

އެހެންކަމަށްވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.

އޭނާ ވިދާޅުވީ އެއީ ކޮމިޝަނާއި އެ ކޮމިޝަންގެ މެންބަރުންނާ ދޭތެރޭގައި އުޅޭ މައްސަލައަށްވާތީ ހުރިހާ ބޭފުޅުންގެ ކަރާމަތާއި އިއްޒަތް ރައްކާތެރިކުރުމުގެ ގޮތުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ. އެކަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.