މަޖިލީހުގެ ރައީސް

5000 ރުފިޔާއަށްވުރެ މަތީ ހަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައި: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ބަލައި، ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް، މިނިސްޓްރީ އޮފް ފިނޭންސުން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާ ގޮތަށް، 5،000 ރުފިޔާއަށްވުރެން މަތީގެ ހަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ހަރަދުތައް ކުޑަ ކުރުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ފިނޭންސުން އެންގި ސާކިއުލާއާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮމަންވެލްތަށާއި، އުޒްޕަކިސްތާނަށް ވަޑައިގަތުމުގެ ދައުވަތެއް އެމަނިކުފާނަށް ލިބިވަޑަިއގެންފައިވާ ކަމަށެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމަަށް އަންގާފައިވާތީ، އެ ދެ ދައުވަތު ކެންސަލް ކުރައްވަން ގަސްތު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 5،000 ރުފިޔާއަށްވުރެން މަތީ ހަރަދުތައް ނުކުރުމަށް އަންގާފައިވާއިރު، އެއީ ސްރީލަންކާގެ ކޮޅުނބާ ހަމައަށް ދެވޭ ވަރު ކަމަށެވެ.

"އަޅުގަނޑަށް ކޮމަންވެލްތަށް ދާން އެބައޮތް ދައުވަތެއް ލިބިފަ، އުޒްބަކިސްތާނަށް ދާން އޮތް ދައުވަތެއް އެބައޮތް، އަޅުގަނޑު ގަސްތު ކުރަނީ މި ދެ ދައުވަތު ކެންސްލްކޮށްލަން، މި ސާކިއުލާގައިވަނީ، 5،000 ރުފިޔާއަށްވުރެން މަތީ ހަރަދެއް ނުކުރަން އެހެންވީމާ ކޮޅުބާ ހަމައަށް މިދެވެނީ،"