މުޅި އަހަރަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއް ނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތައް ރޭވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް އެގޮތަށް އެދިވަޑައިގަތީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ދީނީ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައް ވެސް ހިމެނޭހެން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކަށް ހެދުން މުހިންމު ކަމަށެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ހާއްސަކޮށް، ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކޮށް ދިރުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރާވައި އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތައް އާންމުންނާ ހަމައަށް ފޯރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އެގޮތަށް ހިންގާ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި މިދިޔަ އަހަރުގެ ރަމަޟާން މަހު ހިންގި އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިދިޔަ ރަމަޟާން މަހު އަތޮޅުތެރޭގައި ވެސް އިހްޔާ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.