ރައްޔިތުންގެ މަޖިލިސް

މޯލްޑވިއަން އިން ދަތުރުކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރު ކުރާ ފަރާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މި ގަރާރަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން، އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ސައީދު ވިދާޅުވީ، ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ ހިންގުން ބޮއްސުންލައި ކުންފުނީގެ މާލީ ހާލަތު މިއިންޒަމާނަކު ނުދާހާ ދަށަށްގޮސް ކުންފުނި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވީހިނދު 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި، 2021 ވަނަ އަހަރުވެސް އެ ކުންފުންޏަށް 159 މިލިޔަން ރުފިޔާ ގެއްލުންވެ މިހާތަނަށް އެ ކުންފުނި ދަރަނިވެރި ނޔުވާވަރަށް ދަރަނިވެރިވެ ސްޓޭޓްބޭންކް އޮފް އިންޑިއާއިން 2020 ވަނަ އަހަރު މޯލްޑިވިއަންއަށް 17.3 މިލިޔަން ރުފިޔާގެ ލޯނެއް ނަގައި އައިލެންޑް އޭވިއޭޝަން އިން އެސްބީއައި އިން ދޫކޮށްފައިވާ، އޯވަޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިޔަން ރުފިޔާއަށް އިތުރުކޮށް އެ ލޯނު ނެގުމަށްފަހު ހަ މަތިންދާބޯޓު ގްރައުންޑް ކޮށްފައިވާކަމަށެވެ.

އެހެން އެކަން އޮތްއިރު، އެމްއޭސީއެލްއަށް ވެސް 50 މިލިޔަނަށްވުރެން ގިނަ ރުފިޔާ ދޭން ޖެހިފައިވާއިރު، ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު 15 މިލިޔަނާއި 18 މިލިޔަންރުިފިޔާ ލޯނުގެ ގޮތުގައި ނަގައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ކުންފުނީގެ ހާލަތު މިހާ ދަށު ދަރަޖައަށް ވެއްޓުމުގެ ސަބުން މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލް އަގުވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ މިންވަރަށް ކަންކަން ނުހިފެހެއްޓި، މަތިންދާބޯޓުތަކަށް ޓެކްނިކަލް ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މަތިންދާބޯޓުގެ ޓަޔަރުތައް ބަދަލު ކުރަން ޖެހޭ މުއްދަތަށް ބަދަލު ނުކުރެވި، ސްޕެއާ ނުލިބިގެން ބައެއް ބޯޓުތައް ގްރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ އާއި މޯލްޑިވިއަންއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ދަތުރު ކުރާ އެއާލައިނަކަށްވާއިރު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް، ކުންފުނީގެ މަތިންދާބޯޓުތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމާއި، ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރަން ސަރުކާރަށް ގޮވާލާކަމަށް ސައީދު ވިދާޅުވިއެވެ.