ދުނިޔެ

އީޔޫއަށް ޔުކްރޭނު ވެއްދުމުގެ މައްސަލަ: ބުރަކަށީގައި ފިރުމާނެއެވެ. މެންބަރުކަން ދިނުން އަވަހެއް ނުވާނެއެވެ.

އިމާދު ލަތީފު

ޔުކްރޭނަށް ރޫސީ ސިފައިން އަރައިގަތީ މިއަހަރުގެ ފެބްރުއަރީ މަހުގެ ސައުވީސްވަނަ ދުވަހުއެވެ. އޭގެ ހަތަރު ދުވަސްފަހުން ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ސޮއިކުރައްވައި ޔޫރަޕުގެ އިއްތިހާދަށް ވަރަށް މުހިއްމު ފޯމެއް ހުށަހެޅުއްވިއެވެ. އެއީ އެ އިއްތިހާދުގައި ޔުކްރޭނު ބައިވެރިކޮށްދިނުން އެދި ހުށައެޅުއްވި ރަސްމީ ފޯމެކެވެ. މިއީ ސިޔާސީގޮތުން ރޫސީންގެ ކަންކަށިމަތީގައި ތަފާއްޔެއް ޖެއްސެވުމުގެ ނިޔަތުގައި ޒެލެންސްކީ ކުރެއްވި ކަމެކެވެ. އިންތިހާ ދަރަޖައަށް ރޫސީން ރުޅިއަންނާނެކަން އެނގޭތީ ރުޅިއަރުވާން ކުރެއްވި ކަމެކެވެ. އިއްތިހާދުގެ ގުޅިފައިވާ ބޮޑެތި ނިންމުންތައް ނިންމަނީ އެ އިއްތިހާދުގެ ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިދިޔަ ހުކުރުދުވަހު ނިންމައިފައިވަނީ ޔުކްރޭނަށް އިއްތިހާދުގެ މެންބަރަކަށްވުމުގެ ކެންޑިޑޭޓްކަން މިވަގުތު ދިނުމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން ކެންޑިޑޭޓެއްގެ ދަރަޖަ ދިނުމުގެ މާނަޔަކީ ހަލުވި ސްޕީޑުގައި ކުރިޔަށް ބާރަށް ކުރިޔަށްގޮސް މެންބަރަކަށް ވުމެއް ނޫނެވެ. އެހިސާބަށްދާން އަހަރުތަކެއް ހޭދަވެދާނެއެވެ. ދިހަބާރަ އަހަރުވެސް އިންތިޒާރެއްގައި ތިބޭން ޖެހިދާނެއެވެ. ޔޫރަޕުގެ އިއްތިހާދުގައި މިހާރު ހިމެނެނީ ޖުމްލަ 27 ގައުމެވެ. ޔުކްރޭނުގެ ކެންޑިޑޭޓްކަމާމެދު ކޮންމެ ގައުމަކުންވެސް ވިސްނައި ފިކުރުކުރާނެއެވެ. އަދި މިމަހުގެ ތޭވީހުން ސައުވީހަށް ބާއްވާ މި އިއްތިހާދުގެ ވެރިންގެ ސަމިޓުގައި މި މައްސަލަޔާމެދު ވަރަށް ފުޅާކޮށް މަޝްވަރާވެސް ކުރާނެއެވެ. ޔުކްރޭނަށް މެންބަރުކަންދެވޭނީ ހުރިހައި މެންބަރު ގައުމެއްގެ ރައުޔު އެއްގޮތްވެގެންނެވެ. އެއީވެސް ފެންނަފެނުމުގައި ފަސޭހަކަމެއް ނޫނެވެ. ޔުކްރޭނުގެ އިގްތިސާދު މިހާރު އޮތްގޮތަށް ރިއާޔަތްކޮށްފައި ޔުކްރޭނަށް މެންބަރުކަން ދޭން ނުފެންނަ ގައުމުތަކެއްވެސް ތިބެދާނެއެވެ.

ޔޫރަޕުގެ އިއްތިހާދަކީ ހަގީގަތުގައި އިގްތިސާދީ ޖަމިއްޔާއެކެވެ. އެހެންވީމާ މެންބަރަކަށްވުމަށްޓަކައި އެގައުމެއްގެ އިގްތިސާދު ވަކިގޮތަކަށް ބައްޓަންކޮށް ވަކި ފެންވަރެއްގައި ހިފެހެއްޓުން ލާޒިމެވެ. ސިޔާސީގޮތުންނާއި އިޖްތިމާއީގޮތުން ދުޅަހެޔޮ ވެއްޓެއް އޮތުން ލާޒިމެވެ. ޑިމޮކްރަސީ ފުރާފުރިހަމަވެފައި އޮތުން ލާޒިމެވެ. މިކަންކަން ޔޫރަޕުގެ މިންގަނޑަށް ފެތޭތޯ، ފައްތަމުންދޭތޯ ނުހަނު ގާތުން ބަލަމުން ގެންދާނެއެވެ. ޔުކްރޭނަކީ މިވަގުތު ހަނގުރާމަޔާއި ވީރާނާ ކަމުގެ ތެރޭގައިއޮތް ގައުމެކެވެ. އެ ހާލަތު ބަދަލުނުވަނީހެއް ޔޫރަޕުގެ އިއްތިހާދުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. ކުޑަމިނުން މެންބަރަކަށްވާ ގައުމުގެ ސަރަހައްދީ އިމަކީ ކޮބައިކަން ޔަގީންވެ، އެ އިމުގެ މައްޗަށް އެގައުމެއްގެ ފުރިހަމަ ކޮންޓްރޯލްވެސް އޮންނާންޖެހެއެވެ. ޔުކްރޭނުގެ މި ޝަރުތު ފުރިހަމައެއް ނުވެއެވެ.

ޔުކްރޭނުގެ ސަރަހައްދުތަކުގެ ތެރެއިން ކްރައިމިޔާ އާއި ޑޮންބާސް އެއޮތީ ރޫސީންގެ ކޮންޓްރޯލް ދަށުގައެވެ. ޔޫރަޕުގެ އިއްތިހާދަކީ މެންބަރު ހުރިހާ ގައުމަކަށް އިމެއް، އިމިގްރޭޝަނެއް، ކަސްޓަމެއް، ޕާސްޕޯޓެއް ބޭނުންނުވާ އިއްތިހާދެކެވެ. އެހެންވީމާ އިން ޔަގީންނުވާ، އަދި ހަނގުރާމައިގެ ހާލަތުގައިވާ ގައުމަކަށް މެންބަރުކަން ދިނުމަކީ ނުކުރެވޭނޭ ކަމެކެވެ. ޔޫރަޕުގެ އިއްތިހާދުގައި ގުޅިފައިވާ ޕާލަމެންޓެއްވެސް އޮވެއެވެ. އެ ޕާލަމެންޓުގެ މެންބަރުންގެ އަދަދަކީ 750 އެވެ. މިއީ އުނިކޮށް އިތުރުކޮށް ހެދޭ އަދަދެއް ނޫނެވެ. އާބާދީއަށް ބަލައިފައި އާބާދީގެ ނިސްބަތުން ކޮންމެ ގައުމަކަށް ކޯޓާއެއް އޮވެއެވެ. މެންބަރުކަން ދީފިއްޔާ ޔޫރަޕުގެ ޕާލަމެންޓުންވެސް މަދުވެގެން ތިރީހަކަށް ގޮނޑި ޔުކްރޭނަށް ދޭންޖެހޭނެއެވެ. އެއަދަދު އުނިވާނީ އެހެނިހެން ގައުމުތަކުގެ ކޯޓާގެ ތެރެއިންނެވެ. ކުޑަވާ ކޯޓާއަކީ ކުޑަވާ ނުފޫޒެކެވެ.

ޔޫރަޕުގެ އިއްތިހާދަށް މެންބަރުން ވެއްދުމާއި ވަކިކުރުމަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ވަނުމާއި ވަކިވުން ކަހަލަ ގޮތަށް ފަސޭހަކޮށް އޮންނަކަމެއް ނޫނެވެ. ފޯމެއް ހުށައަޅާއިރަށް ރަޖިސްޓްރީވެވޭ ގޮތަށް އޮންނަ ކަމެއް ނޫނެވެ. ވަކިވުންވެސް ހަމައެފަދައެވެ. ދާދިފަހުން އިނގިރޭސިވިލާތް މި އިއްތިހާދުން ވަކިވި ވަކިވުމާއި އެކަމާއި ގުޅިގެން ހިނގާފައިވާ ކަންތައްތަކުން އެކަން އެބައެނގެއެވެ. ވީމާ ކެންޑިޑޭޓެއްގެ ގޮތުގައި ވިހިތިރީސް އަހަރުވެސް އޮވެދާނެއެވެ. މިހާރުވެސް ކެންޑިޑޭޓެއްގެ ދަރަޖަ ލިބިގެން ޔޫރަޕުގެ އިއްތިހާދުގެ ދޮރާށި ބުޑުގައި ކިއޫހަދައިގެން އެތައް ބަޔަކު އެބަތިއްބެވެ. ތުރުކީއާއި މޮލްޑޯވާއެވެ. ނޯތު މެސެޑޯނިޔާއާއި ސާރބިޔާއެވެ. މޮންޓެނީގްރޯ އާއި ޖޯޖިޔާއެވެ. މީގެ ތެރެއިން ތުރުކީއަށް ކެންޑިޑޭޓެއްގެ ދަރަޖަ ލިބިފައިވާތާ ތޭވީސް އަހަރުވެއްޖެއެވެ.

ޖަރުމަނާއި އިޓަލީޔާއި ފްރާންސް ކަހަލަ ގައުމުތަކުގެ ވެރިން ނިކަން ދޭތެރެ އަވަސްކޮށް ޔުކްރޭނަށް ވަޑައިގެން ޒެލެންސްކީޔާއި ބައްދަލު ކުރައްވައި ސާބަހޭ ސާބަހޭ، ތިޔައީ ޔޫރަޕް އަދު ފަޚުރުވެރިވާ ޒައީމޭ، ޔުކްރޭނުގެ މުސްތަގުބަލަކީ ޔޫރަޕުގެ މުސްތަގުބަލޭ ވިދާޅުވުމުގެ މާނަޔަކީ ޖަޒުބާތުގައި ޖެހިގެން ތަނެއްދޮރެއް ނުބަލައި ޔޫރަޕުގެ އިއްތިހާދަށް ޔުކްރޭނު ވެއްދުމެއް ނޫނެވެ. މިހާރު ކުރާކަމެއް ވިއްޔާ އެކުރަނީ ރަޝިޔާއަށް ޖެއްސުމަކަށެވެ. ޔުކްރޭނަށް ފޯރުކޮށްދޭ އެހީއަކީ ރަޝިޔާއާ ދެކޮޅަށް ޕްރޮކްސީ ހަނގުރާމައެއް ދެމެހެއްޓުމަށް ވެދެވޭ އެހީއެކެވެ. މިދުވަސްވަރު ޒެލެންސްކީގެ ބުރަކަށީގައި ނިކަން ފިރުމާނެއެވެ. އިއްތިހާދަށް ވައްދާނަމޭވެސް އަޑަށް ބާރުލައިފައި ބުނާނެއެވެ. ކެންޑިޑޭޓްކަން ދިނީ އެހެންވެގެންނެވެ. އެކަމަކު މެންބަރުކަން ދިނުން އުނދަގޫވާނެއެވެ. ލަސްވާނެއެވެ.